ދިވެހިރައްޔިތުން ބޭނުންވަނީ ދިވެހިރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދޭނެ ބަޔަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން އިންތިޒާމްކުރައްވައިގެން އެރަށުގައި ބޭއްވެވި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުގެ ފިކުރު ދިފާޢުކުރަން ޖެހެނީ މިފިކުރަކީ މުޅި ރައްޔިތުންގެ މަސްލަޙަތާއި ސުލްޙައަށް އަދި ދީނުގެ ޙައްޤުގައި އޮތް ފިކުރުކަމަށް ވާތީ ކަމުގައެވެ. ސަރުކާރުގެ މިފިކުރާއިއެކު މުޅި ރާއްޖެ ތަރައްޤީވެ، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާފަދަ އެކި ދާއިރާތަކުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ހިމާޔަތްކުރާ އުސޫލުތައް ބިނާވެފައި ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ދިވެހިރައްޔިތުންގެ ކުރިއެރުމާއި، ދިވެހިރައްޔިތުންގެ މަސްލަޙަތާއި ދީން ޙިމާޔަތް ކުރުން ފަދަ ކަންކަމުގެ މައްޗަށް ކަމަށެވެ. އަދި ޤައުމު ސަލާމަތާއި އަމާންކަމާއެކު ބާއްވާނެ ފިކުރަކީ މިއީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރު އިސްކުރަންވީ އެންމެ ފުރަތަމަ ދީން ކަމަށާއި ޤައުމު އިސްކުރަންވީ އެއާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ޤައުމު ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަ ސުލްޙަވެރި ބައެއްގެ ގޮތުގައި މިއޮތީ އިސްލާމީ ހިދާޔަތުގެ މަތީގައި ތިބުމުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތް ދައުލަތެއްގެ ގޮތުގައި އަދި އަޅުގނޑުމެންގެ މިރާއްޖެއަކީ އެކުވެރި ބައެއްގެ ގޮތުގައި މިތިބެނީ އަޅުގަނޑުމެން އެންމެންނަކީ އިސްލާމްދީން ނޫން ދީނަކަށް ޖާގަދޭން ބޭނުންނުވާ ބައެއް ކަމުގައި ޤަބޫލުކޮށްގެން ތިބޭތީ ކަމަށެވެ.