ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހިންގެވުމުގައި ބޭރުގެ ފަރާތްތަކާއި ގުޅިގެން ދިވެހިރާއްޖެއަށް އެދެވޭ ނަތީޖާ ލިބިފައިނުވާކަމަށާއި، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭނީ ދިވެހި ސަރުކާރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެއަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގައި ހިންގި މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އިސްވެ ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޒުވާނުންނަކީ މުޖުތަމަޢުގައި ބޭނުންތެރި، މަސައްކަތްތެރި ބަޔަކަށް ހެދުމަށް ކުރެވުނު މަސައްކަތުން، ބޮޑެތި ކުށްތަކަށް ޒުވާނުން އަރައިގަންނަ  މިންވަރު ދަށްކުރެވިފައިވާކަމަށެވެ. އަދި، ޒުވާނުން ބާރުވެރިކުރުވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ވަޒީފާ އުފެއްދުންކަމަށާއި، މިކަމަށް އިސްކަން ދެއްވައިގެން ކުރެއްވި މަސައްކަތުން މިހާރު ވެސް 70000 އަށްވުރެގިނަ ވަޒީފާ އުފެއްދެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ދައުރުގައި އެމަނިކުފާނުގެ އަމާޒަކީ އިޤްތިޞާދީ ގޮތުން ރާއްޖެ ވަރުގަދަވެގެން ދިއުންކަމަށާއި، މިހާރު 10000 ޑޮލަރާ ގާތްކުރާ ޢަދަދަށް އޮތް ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު 20000 ޑޮލަރަށް މަތިވެގެން ދިޔުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތްތާނގައި އެކި ދާއިރާތަކުން ހިންގެވުމަށް ރާއްވަވާފައިވާ ތަރައްޤީގެ އެކި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިގެން ދެން އަންނަ ދައުރަކަށް އެމަނިކުފާނު ހޮއްވަވައިފިނަމަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެއްވަމުން ގެންދަވާ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ވަނީ ރަސްމީކޮށް ހުޅުއްވައި ދެއްވައިފައެވެ.