އިންސާނީ ޙައްޤުތަކަށް ހުރަސްއަޅާކަމުގެ ތުހުމަތުތަކުން މިހާރުގެ ސަރުކާރު ދިފާޢުވާން ނުޖެހޭ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މި މޭރުމުން އެމަނިކުފާނު ވާހަކަފުޅުދެއްވީ، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓެރީ ޖެނެރަލް އައިރީން ޚާނާ ބައްދަލުކުރައްވަމުންނެވެ.

އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ބައެއްގެ އިންސާނީ ޙައްޤުތަކަށް މިހާރުގެ ސަރުކާރުން ހުރަސްއަޅުއްވާފައިނުވާނެކަން ރައީސް ނަޝީދު ބަޔާންކުރައްވަމުން، 2008 ނޮވެމްބަރު 11އިން މިހާތަނަށް ޖަލުގައި އަނިޔާކުރިކަމުގެ ތުހުމަތު އަމާޒުކުރެވިފައިވަނީ، ހަމައެކަނި ދެ މީހަކަށްކަމަށް ވިދާޅުވިއެވެ. އަދި އެ ކަންކަން ހުއްޓުވުމަށާއި، އަދި އެކަންކަން މެދުވެރިވާން ދިމާވި ސަބަބުތައް ބެއްލެވުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަންކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަންކަމުގެ ތެރޭގައި، ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވައިދެއްވުމާއި، ޞިއްޙީ ފަރުވާ ފަހިކޮށްދެއްވުމާއި، މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ މަގުތައް ބަންދުކުރެއްވުމާއި، ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގުތައް ތިރިކުރެއްވުމާއި، އަދި ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެއްވުން ހިމެނޭކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި މުހިންމު ޙައްޤުތައްވެސް މި މަސައްކަތްޕުޅުތަކުގެ ތެރެއިން ދާނީ ފަހިވަމުން ކަމަށާއި، އެއްވެސް ދިވެހި ރައްޔިތަކަށް ނުވަތަ ރައްޔިތުންގެ ބަޔަކަށް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއާއި ހާނިއްކައެއް ނުވާނެ އިންތިޒާމްތައް ސަރުކާރުންވަނީ ހަމަޖައްސަވާފައިވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތެއްކަމުގައިވާ "އިންގްލިޝް ޕެން" ގެ އިސްވެރިންނާ ރައީސް ނަޝީދު ބައްދަލުކުރެއްވި ކުރެއްވުމުގައިވެސް އެމަނިކުފާނުވަނީ ހަމަ މިމޭރުމުން ވާހަކަފުޅުދައްކަވާފައެވެ.

އިނގިރޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުވަނީ ބޭރުގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކަށް ބަސްދީގަތުން ދެއްވާފައެވެ. މިގޮތުން ބަސްދީގަތުން ދެއްވީ، އިނގިރޭސިވިލާތުގެ ސީ.އެން.ބީ.ސީއަށާއި، ބީ.ބީ.ސީ ވާރލްޑް ރޭޑިޔޯއަށާއި، އަލްޖަޒީރާއަށެވެ. އަދި ބީ.ބީ.ސީ.ގެ ވާރލްޑް ނިއުސް ހުށަހަޅުއްވައިދެއްވާ ނޫސްވެރިއެއް ކަމުގައިވާ މިޒް ފްރާންސިސް ހެރިސަންއަށްވެސް ރައީސް ނަޝީދު ބަސްދީގަތުމެއް ދެއްވިއެވެ.