ދިވެހިންނަށް ބޭނުންވެފައި ހުރި ކަންތައްތައް ފުރިހަމަ ކޮށްދެއްވައި، ދިވެހިންގެ އުއްމީދުތަކުގައި ކުލަޖައްސަވައިދެއްވާނީ އެމަނިކުފާނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އަދި، މަޑިފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން ފުދިގެންގޮސްފައިވަނީ ބައިކުޅަބައިކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަފުޅުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމުގައި ވިދާޅުވެ، މި ސަރުކާރުން މިހާތަނަށް ހިންގަވާފައިވާ އިޤްތިޞާދީ ގޮތުން މުހިންމު ގިނަ މަޝްރޫޢުތަކެއްގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނ. މާފަރު އެއަރޕޯޓަކީ 12 އަހަރު ދުވަހުގެ ތެރޭގައި 3 ސަރުކާރަކުން ކުރަން އުޅެ ނުނިންމުނު މަޝްރޫޢެއްކަމަށާއި، ނަމަވެސް މި ސަރުކާރުން 1 އަހަރު ދުވަހުގެ ތެރޭގައި މާފަރު އެއަރޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި، މި ސަރުކާރުގެ މިހިނގާ ފަސްއަހަރު ދުވަހުގެ ތެރޭގައި މިހާތަނަށް 30 އައު ރިސޯޓް ތަރައްޤީކޮށް ހުޅުވާފައިވާކަމަށާއި، މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް އިތުރު 21 ރިސޯޓްގެ މަސައްކަތް ނިމޭނެކަމުގައި ވިދާޅުވިއެވެ. އަދި، މިހާރު މި ރިސޯޓްތަކުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާ ހަމަޔަށް ދިޔުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ކުރީގައި ދައްކަވާފައި ހުރި ވާހަކަތަކާއި، ކުރައްވާފައިހުރި ކަންކަމާއިމެދު ރައްޔިތުން ވިސްނާލުން މުހިންމުކަމުގައި ވިދާޅުވެފައެވެ.

މަޑިފުށްޓަށް ވަޑައިގެންނެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު  ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށްފައްޓަވައި ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ހޯމަ ދުވަހު ވަނީ ތ. ތިމަރަފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައިފައެވެ. މީގެއިތުރުން، އެއަތޮޅު ވޭމަންޑޫއާއި ކަނޑޫދޫއަށް ވަޑައިގެން އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި، އެމަނިކުފާނު އިއްޔެ ވަނީ  ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ވިލުފުށްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.