އިންސާފު ޤާއިމުކުރާނީ ސިޔާސީ މީހުން ނޫންކަމަށާއި، އިންސާފު ޤާއިމްކުރާނީ އަޅުގަނޑުމެންގެ އަދުލުގެ ނިޒާމުގައި ނޫނީ ޤާނޫނު އަސާސީގައި އެކަން ކަނޑައަޅާފައި އޮތް ގޮތަކަށް ކަމަށާއި އެކަން ކުރައްވާނީ ޝަރުޢީ ކޯޓުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންސާފު ނެތްކަމުގެ ވާހަކަ ދައްކަވާއިރު އެކަން ރައްޔިތުންނަށް ސާބިތު ކޮށްދެއްވަން މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާނެކަމަށެވެ. އެގޮތުން އިންސާފުނެތް ކަމަށް ފެންނަ ކަންތައްތައް ރައްޔިތުންނަށް ދަލީލުކޮށްދެއްވުމަށް ހާމާކަން ބޮޑު ގޮތެއްގައި ކޯޓަށް ވަޑައިގެން އިންސާފު ނެތް މައްސަލަތަކުގައި އިންސާފު ހޯއްދަވަން ވަކާލާތުކުރައްވައި އެފަދަ މައްސަލަތައް އެބޭފުޅުންގެ ކޮޅަށް ނިންމެވުމަށް މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
 
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން އެއްވެސް މީހަކު ޖަލަށް ނުލާނެކަމަށާއި، އެކަންކަން ކުރައްވާނީ ކޯޓުތަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކަންކަން ތަންފީޒުވެގެންދަނީ ޤާނޫނެއްގެ ތެރެއިން ދޭ އިހްތިޔާރަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
 
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން ކުރިއަށް އޮތް ދައުރުގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތައް އެކުލަވާލާފައިވަނީ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ރާއްޖޭގެ އެކި ހިސާބުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ހޯމަ ދުވަހު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ތ. ވޭމަންޑޫއަށް ވަޑައިގެން ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ތ. ކަނޑޫދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 
 
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ. މީގެއިތުރުން، ތ. ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައިފައިވެއެވެ. 
 
މީގެއިތުރުން އެމަނިކުފާނު މިއަދު ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.