ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ދިވެހިރާއްޖެއާމެދު ދެކެވަޑައިގެންނެވި ހުވަފެންފުޅަކީ ދިވެހިރައްޔިތުންނަށް ފާގަތި، އުފާވެރި ދުވަސްތަކެއް ލިބުމުގެ ހުވަފެންފުޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޖަޒީރާ ޓީ.ވީ.އަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުން ޖަޒީރާ ޓީ.ވީ.އިން ފޮނުވީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4.30 ގައެވެ.

ރައީސް ނަޝީދު މިދެއްވި ބަސްދީގަތުމުގައި، ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެންނެވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖެއަށް ސިޔާސީ އިޞްލާޙީ ބަދަލުތަކެއް ގެނެވިފައި މިވަނީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެގެން ކަމަށާއި، މިހާރު އައިސްފައިމިވާ ބަދަލުތަކަކީ، ހަމައެކަނި ފެށުމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި، ޑިމޮކްރަސީ ދެމެހެއްޓުމަށާއި އިތުރަށް އަށަގެންނެވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާބެހޭގޮތުންނާއި މިކަމުގައި ގެންގުޅުއްވާ ވިސްނުންފުޅަކީ، ކޮބައިތޯ ރައީސް ނަޝީދު އަރިހުގައި ސުވާލު ދެންނެވުނެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ރާއްޖެއިން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމާ ގުޅިގެން، ރާއްޖޭގެ ރައްޔިތުން އެހެން ތަނަކަށް ހިޖުރަ ކުރަން ޖެހިއްޖެ ހާލަތެއްގައި ދިވެހިންނަށް އެފުރުސަތު އޮންނަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، ސަރުކާރުން އެކަމަށް މަގުފަހިކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި، މިފަދަ ދުވަހެއް އަތުވެއްޖެނަމަ އެމަނިކުފާނު ވެވަޑައިގަންނަވާނީ ދިވެހިރާއްޖެ ދޫކުރައްވާފައި ވަޑައިގަންނަވާ އެންމެފަހުމީހާއަށް ކަމަށް ވިދާޅުވިއެވެ.

އިންޓަރވިއު ނިންމާލަމުން ރައީސް ނަޝީދަކީ "އޭޝިއާގެ އޮބާމާ" ކަމުގައި ވަރަށް ގިނަ ފަރާތްތަކުން ބުނާކަމުގައި އިންޓަރވިއުކުރި ސްޓީވަން ކޯލް ރައީސް އަރިހުގައި ދެންނެވިއެވެ.