ރައީސް މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ރާނީ އިލިޒަބަތު IIވަނައާއި ރާނީގެ ފިރިކަލުން ޑިޔުކް އޮފް އެޑިންބަރާއާ ބައްދަލުކުރެއްވިއެވެ. ރާނީ ދެއްވި ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ވިންޑްސަރ ކާސްލްގައި އެއްރޭ މަޑުކޮށްލެއްވިއެވެ.

މިދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑްން ބްރައުންއާއި، އިނގިރޭސި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް، ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތާއި، ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓް ކުރުމަށް ބޭނުންވާ އިންވެސްޓަރުންނަށް އިންވެސްޓް ކުރުމަށް ހުޅުވާލެވިފައިވާ ފުރްޞަތުތަކުގެ މަޢްލޫމާތު، އިނގިރޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރުންނަށާއި އިންވެސްޓަރުންނަށް ދެއްވިއެވެ.

މިދަތުރުފުޅުގައި، ތިމާވެށްޓާ ރަށްޓެހި ޓެކްނޯލޮޖީއާ ބެހޭގޮތުން ދިރާސާކޮށް ހޯދުންތައް ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ލަންޑަން ޔުނިވަރސިޓީ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައިވެސް ސޮއި ކުރެއްވިއެވެ.

އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓެރީ ޖެނެރަލް އައިރީން ޚާނާއި، އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތެއްކަމުގައިވާ "އިންގްލިޝް ޕެން"ގެ އިސްވެރިންނާވެސް ރައީސް ނަޝީދު ބައްދަލުކުރެއްވިއެވެ.

އިނގިރޭސިވިލާތުގައި ކިޔަވަންތިބި ދިވެހި ކުދިންނާއި އަދި އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތަކާވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައި އެކުދިންނާއި އާއިލާތަކުގެ ހާލު ބެއްލެވިއެވެ.

ރައީސް ނަޝީދު، އިނގިރޭސިވިލާތުގެ ރޯޔަލް ކޮމަންވެލްތް ސޮސައިޓީގައި ތަޤްރީރުވެސް ކުރެއްވިއެވެ. މޫސުމަށް އަންނަމުންމިދާ ބަދަލުތައް ހުއްޓުވުމަށް، ވަގުތު ފާއިތު ނުވަނީސް ޤައުމުތަކުގެ ރައްޔިތުން ހަރަކާތްތެރިވުމަށް އެބައިމީހުންގެ ޟަމީރު އެބައިމީހުންނަށް މަޖުބޫރު ކުރުވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި މި ތަޤްރީރުގައި ރައީސް ވިދާޅުވިއެވެ.