ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޫއްޑޫ މަސްވެރިންގެ މެރީނާ މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޫއްޑޫ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ކޫއްޑޫގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިމެރީނާގައި މަސްވެރިންނަށް ބޭނުންވާނެ ހުރިހާ އާލާތްތަކެއް ލިބޭނެ ފިހާރައަކާއި، 4 ގެސްޓްރޫމާއި، ކެފޭއަކާއި، މިސްކިތެއް ވެސް ހިމެނެއެވެ.

 ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.

 މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވައިފައިވެއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ހުވަދުއަތޮޅު އުތުރުބުރިއަށް ވަޑައިގެން އެއަތޮޅު ކޮނޑޭގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައި ދެއްވައި ކޮލަމާފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތްވެސް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފައެވެ. މީގެއިތުރުން ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވާފައިވެއެވެ.