ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ، ރައްޔިތުން ބޭނުންވާ ކަންތައްތަކުގައި އޮޅުވައިލައިގެން ވާހަކަ ނުދެއްކެވުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ބޭފުޅުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ،  ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރައްޔިތުންގެ އަރިހުން ކޮށްދެއްވަން ވިދާޅުވާ ކަންތައްތައް ނުކޮށްދެއްވުނީ ހާލަތު ބަދަލުވެގެން ކަމަށް ވީދާޅުވުމަކީވެސް ރަނގަޅު ކަމެއްނޫންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 
 
ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެއްވުމުގެ މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރައްޔިތުންގެ ލާބައާ މަންފާއަށްޓަކާ އެއްވެސް އޮޅުވާލުމެއްނެތި ކޮށްދެއްވާފައިހުރި އަދި މުސްތްޤްބަލުގައި ކޮށްދެއްވާނެ ކަންކަމުގެ މަށްޗަށް އަލިއަޅުއްވާލައްވާފައެވެ. 
 
އެގޮތުން، ޓޫރިޒަމްގެ ދާއިރާ އިތުރަށް ވަރުގަދަކުރައްވައި ތަރައްޤީ ކުރެއްވުމަށް އިތުރު އެނދާއި ރިޒޯޓު ތަރައްޤީ ކުރައްވާނެކަމުގައި ވިދާޅުވެ އެފަދަ ދާއިރާތަކުން އިތުރު ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި ޒުވާނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެކަމުގައި ވިދާޅުވެ މިހާރުވެސް އެކަން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވެވިއެވެ. 
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ވޯޓުލުމަކީ އެޙައްޤު ލިބިގެންވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްޤެއްކަމަށާއި މި ސަރުކާރުން އެކަމަށް މަގުފަހިކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. 
 
 ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.
 
މީގެއިތުރުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވައިފައެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދު ވަނީ ކޮނޑޭއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުވައިދެއްވައިފައެވެ. މީގެ އިތުރުން ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތްވެސް މިއަދު ވަނީ އިފްތިތާޙްކޮށްދެއްވައިފައެވެ. 
 
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މާދަމާ ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.