ރައްޔިތުންގެ ގިނަ އުއްމީދުތަކެއް ޙަޤީޤަތަކަށް ހައްދަވައިދެއްވިފައިވާ ކަމަށާއި، ޒުވާނުންގެ އުއްމީދުތަކާއި އިސްރަށްވެހިންގެ އުއްމީދުތައް ޙާޞިލްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގއ. ކޮލަމާފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދިނުމަށް މިހާރު ގިނަ ކަންތައްތަކެއް ކޮށްދެއްވިފައިވުމާއެކު އިތުރު ކަންތައްތައް ފުރިހަމަކޮށްދެއްވުމަށް ރައްޔިތުން އުއްމީދުކުރާނެ ކަމަށާއި، އެކަންކަމަށް މަސައްކަތްކުރެއްވުން ލާޒިމް ކަމަށެވެ. އެގޮތުން ތަރައްޤީގެ މަސައްކަތްއްތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ޢިލްމީ ދިރާސާތަކާއެކު ކުރަންޖެހޭކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 ރާއްޖޭގައި ވަސީލަތްތައް މަދުވުމަކީ ތަރައްޤީއަށް އޮތް ހުރަހެއް ކަމުގައި ދެކެމުން އައިވިސްނުން މިހާރު ބަދަލުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ފުއްދައިދިނުން ކަމަށާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ފުއްދަވައިދެއްވާނެކަން ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ.

 ގއ. ކޮލަމާފުށީގައި މިއަދު ބޭއްވެވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިސަރުކާރުން އެރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 227 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

 ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ  ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު އިއްޔެ ވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވައިފައެވެ.

 ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.