ސަރުކާރު މުވައްޒަފުންގެ ހެލްތް އިންޝުއަރެންސް ސްކީމެއް ހިންގެވުމަށްޓަކައި 2006ވަނަ އަހަރު ދިވެހި ސަރުކާރުން އެމެރިކާގެ އިންޓަރނޭޝަނަލް މެޑިކަލްސް ގްރޫޕް (އައި.އެމް.ޖީ)ގެ ފަރާތުން ސިރިއަސް އިންޓަރނޭޝަނަލް އިންޝުއަރެންސް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑާ ދެމެދު އިންޝުއަރެންސްގެ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ކުރައްވާފައިވާ މުޢާމަލާތުގެ މައްސަލައާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި އެމައްސަލަ ކުރިއަށްގެންދަވާނެ ގޮތެއް ނިންމަވައިފިއެވެ.

މިމުޢާމަލާތުގެ މައްސަލަ ކުރިއަށްގެންދަވާނެ ގޮތެއް ނިންމެވީ، އެމެރިކާގެ އެކުންފުނިން ދިވެހި ސަރުކާރުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ، އާބިޓްރޭޝަންގައި ކުރިއަށްނުގެންގޮސް، ވަކި އަދަދަކަށް ފައިސާ ދެއްކުމަށްފަހު މައްސަލަ ނިމުމަކަށް ގެނައުމަށް ދެވަނަ ފަހަރަށް ދިވެހި ސަރުކާރަށް ހުށަހަޅުއްވާފައިވުމާއެކު އެކަމާބެހޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއާއި އެމެރިކާގެ އިންޓަރނޭޝަނަލް މެޑިކަލްސް ގްރޫޕް (އައި.އެމް.ޖީ)ގެ ފަރާތުން ސިރިއަސް އިންޓަރނޭޝަނަލް އިންޝުއަރެންސް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑާ ދެމެދު އިންޝުއަރެންސްގެ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އެގްރީމެންޓެއްގައި ސޮއިކުރައްވާފައިވަނީ 2006 ޖޫން މަހުގެ 29ވަނަ ދުވަހުއެވެ. އެގްރިމެންޓްގައިވާ ގޮތުގެމަތިން އިންޓަރނޭޝަނަލް މެޑިކަލް ގްރޫޕާއި ސިރިއަސް އިންޓަރނޭޝަނަލްއިން މަސައްކަތް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަގުތީ ލައިސަންސެއް ހޯދުމަށްފަހު މަސައްކަތް ފެށި ނަމަވެސް އެކުންފުންޏަށް ފުރިހަމަ ލައިސަންސެއް ދޫކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންވަނީ އިޢުތިރާޒު ކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން އެކުންފުނީގެ މަސައްކަތް ހުއްޓާލަންޖެހުނީއެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ، އެޓަރނީ ޖެނެރަލާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކަމާބެހޭ ބޭފުޅުން ދިވެހި ސަރުކާރުގެ ފަރާތުން އެމެރިކާގެ އެކުންފުންޏާ ވާހަކަދައްކަވައި ދެފަރާތް އެއްބަސްވާ ގޮތަކަށް މައްސަލަ ނިންމެވުމަށެވެ. އަދި، މިމައްސަލައިގެ ސަބަބުން ދިވެހި ދައުލަތަށް ބޮޑު ބަދުނާމަކާ އިލްޒާމެއް ލިބިފައިވުމާއި އަދި މާލީ ބޮޑު ގެއްލުމަކަށް ހުށަހެޅިދާނެފަދަ ގޮތަކަށް ޢަމަލުކުރައްވާފައިވަނީ ކީއްވެގެންތޯއާއި އެކަމުގައި ޒިންމާ އުފުއްލަވަންޖެހެނީ ކޮންބޭފުޅުންނެއްތޯ ބައްލަވައި 3 ދުވަހުގެ ތެރޭގައި ރިޕޯޓެއް ހުށަހެޅުއްވުމަށް ވަޒީރުންގެ ކޮމިޓީއެއްވެސް މިއަދުގެ ޖަލްސާގައި ނެންގެވިއެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސް ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމާއި، މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އެމެރިކާގެ މިކުންފުންޏަށް ލައިސަންސް ދޫކުރެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޭރު އިޢުތިރާޒު ކުރެއްވިއިރު އެއޮތޯރިޓީގެ ގަވަރނަރަކަށް ހުންނެވީ ޤާސިމް އިބްރާހީމެވެ. އޭރު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމުގައި ހުންނެވީ ޢަބްދުﷲ ޔާމީނެވެ.