ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރުފަހު ތިލަދުންމަތީ ދެކުނުބުރީ ގައްދޫއަށް ވަޑައިގެން އެރަށުގައި ހިންގެވި ހަތަރު މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ގައްދޫއަށް ކުރެއްވި މިޒިޔާރަތުގައި އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތްދިނުން ރަސްމީކޮށް ފައްޓަވައިދެއްވައި، ގައްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައި، އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ފަރެސްމާތޮޑާ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން އެރަށު ބަނދަރު ހުއްޅުއްވައިދެއްވުމަށާއި، ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.