މިވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި ކިތަންމެ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި، ކިތަންމެ މަގުތަކެއް ފަހިވެ، ކަންކަން ކުރެވޭނެ އެތައް ގޮތެއް އެނގިފައިވާ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި އިނގުރައިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރުގެ މެނިފެސްޓޯ އެކުލަވާލެއްވީ، ރައްޔިތުން ދައްކަވާ ވާހަކަ، އަޑު އައްސަވައިގެން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މެނިފެސްޓޯ ހިންގަވަމުން ގެންދަވާއިރު އިނގުރައިދުއަށް ސީދާ ގޮތުގައި ފޯރުކޮށްދެއްވާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އިނގުރައިދޫ ރައްޔިތުން ބޭނުންފުޅުވާ ހުރިހާ ކަމެއް މިއަހަރުގެ ތެރޭގައި ވަގުތުން ވަގުތަށް ނުވެދާނެ ކަމަށާއި، އެހެންނަމަވެސް، މުޅި ޕްރޮގްރާމް 5 އަހަރު ދުވަހުގެ ތެރެއަށް ބައްސަވާލައްވައިގެން ގެންދަވާއިރު، އިނގުރައިދޫ ރައްޔިތުންވެސް އެދިވަޑައިގަންނަވާ ކަންތައްތައް ފުރިހަމަވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުން، ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިނުވެ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް، މިއުންމީދުތަކެއް އަޅުގަނޑުމެންނަކަށް ޙާޞިލެއް ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާޖިބަކީ، ރިވެތި ގޮތުގައި ވެރިކަން ކުރެއްވޭނެ މަގުތައް ހޯއްދެވުންކަން ބަޔާންކުރައްވަމުން، ދެރަށެއްގެ ދެމެދުގައި އެއްވެސް ތަފާތެއް ނުކުރައްވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ކޮންމެ ޕާޓީއަކަށްވެސް ނިސްބަތްވެވިދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކޮންމެ ފިކުރެއްވެސް ގެންގުޅެވިދާނެ ކަމަށާއި، ކިތަންމެ ވަރަކަށްވެސް ސަރުކާރަށް ފާޑުވިދާޅުވެވިދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އޮތީ އެންމެ މިޞްރާބެއް ކަމަށާއި އެއީ، ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައި ދެއްވުން ކަމުގައި ވިދާޅުވިއެވެ.

އިނގުރައިދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އިނގުރައިދޫގެ ބިން ބޭނުންކުރާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކޮއްޓަފަރުގެ ބިން އިނގުރައިދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް މިތަޞައްވުރުގައި މިހާރު ކަނޑައެޅިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިނގުރައިދޫ ބިން ބޭނުންކުރުމުގެ ޕްލޭން އެކުލަވާލުމުގެ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ކުރައްވައި ނިންމެވުމަށް ސަރުކާރުން ޚިޔާލު ކުރައްވާފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.