އަނގޮޅިތީމު ފަޅުކުރެއްވުމުގެ އެއްވެސް ފިކުރެއް، ސަރުކާރުގެ ސިޔާސަތުގައި ނެތްކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު ހަވީރު އަނގޮޅިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދްމަތްތަކުގެ އޮނިގަނޑުތައް ޤާއިމުކުރެއްވޭތޯ މިފަސްއަހަރު ދުވަހުގެ ތެރޭގައި ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އަނގޮޅިތީމަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، އެކަންކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެރަށު އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަ ދެތިން ހަފްތާގެ ތެރޭގައި ޙައްލު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން އަނގޮޅިތީމުންވެސް ގެދޮރު ލިބެން ހުންނާނެ ކަމަށާއި، މިއަހަރުގެ ތެރޭގައި އެމަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވިއެވެ. ބަނދަރު ހެދުމުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަވެސް ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސުނާމީގައި ގެއްލުން ލިބުނު އާބާދީއަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ސަރުކާރުން ރަށްރަށަށް ދޯނި ދޫކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން އަނގޮޅިތީމަށްވެސް ދޯންޏެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގައި ވެރިކަން މިހާރު މިހިނގަނީ ގިނަޕާޓީ އެކުލެވޭ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ. އަދި އެ ވެރިކަން ކުރާ ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނެތީސް ވެރިކަން ކުރަން އުނދަގޫވާނެ ކަމަށާއި، ވެރިކަން ކުރާ ބަޔަކަށް އަޣްލަބިއްޔަތު އޮންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް އޮންނާނެ ކަމަށާއި، އެ މިނިވަންކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ނަރުދަމާއަކަށްވުރެވެސް އަދި ބަނދަރަކަށްވުރެވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މުހިންމުކަމުގައި ރައީސް ވިދާޅުވިއެވެ.