ދިވެހިރާއްޖޭގެ މިނިވަންކަމުގެ 53 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ރަސްމީ ދަނޑުގައި ބޭއްވެވި ހެވިކަމާއި، ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ. މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުގެ ދެކަނބަލުންނެވެ.
     
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

މިރޭ ހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވަނީ ގަލޮޅު ސުކޫލާއި، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލާއި، ޖަމާލުއްދީން ސުކޫލާއި، މަޖީދިއްޔާ ސުކޫލާއި، ޢިމާދުއްދީން ސުކޫލާއި، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.