ގެދޮރު ވެރިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮތުގައި ރާވާފައިވާ ހިޔާ އެކޮމްޕްލިޝްޑް ޕްރޮޖެކްޓްގެ ދިރާސާ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން 2030 އާ ހަމަޔަށް 18 އަހަރުފުރޭ ކޮންމެ ކުއްޖަކަށް ގެދޮރުވެރިކަން ފުރިހަމަވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
މިނިވަންކަމަށް 53 އަހަރުފުރޭ 54 ވަނަ މިނިވަންދުވަހުގެ މުނާޞަބަތާ ގުޅިގެން ދެއްވި ޚިތާބުގައި، މި ޕްރޮޖެކްޓަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ބޯހިޔާވަހިކަމެއް ނެތް މީހުންނަށާއި، މި މިނިވަން ދުވަހުން ފެށިގެން 2030 ގެ މިނިވަންދުވަހާއި ހަމަޔަށް 18 އަހަރުވާ ކޮންމެ ދިވެހި ކުއްޖަކަށް، މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބިދެވޭނެކަމަށެވެ. އަދި މުސްތަޤުބަލުގައި އަމިއްލަ ގެދޮރުވެރިކަމެއް ނެތް ހަމައެކަކުވެސް ރާއްޖޭގައި ނުހުންނާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިހާރު ހުޅުމާލޭ 2 ގައި 100،000 އަށްވުރެ ގިނަ މީހުންނަށް ތަރައްޤީކުރެވެމުންދާ ޝަހަރުގެ މަސައްކަތާއެކު، ރާއްޖޭގައި ގެދޮރުވެރިކަމެއް ނެތް މީހަކު ﷲގެ އިރާދަފުޅާއެކު ނުހުންނާނޭ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި މިހާރު ތަރައްޤީކުރަން ފަށްޓަވާފައިވާ އެއާޕޯޓުތަކާއި، ކަނޑުގެ ބަނދަރުތަކާއި، ފަތުރުވެރިކަމާއި އެނޫންވެސް އިންވެސްޓްމަންޓްތަކާއި ސްކޫލް މަދަރުސަތަކާއި، ހޮސްޕިޓަލްތަކާއި އަދި މިތަންތަނަށް ބޭނުންވާ މީހުން އުފެއްދުމުގެ މަސައްކަތާއެކު، މިދެންނެވި ކަންކަން ފުރިހަމަވުމުން، ކުރިޔަށް އޮތް 10 ވަރަކަށް އަހަރަށް ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއްހެން ފުރިހަމަކުރެވޭނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައިވެއެވެ.