ރަސްގެތީމު ތަރައްޤީ ކުރައްވަން ބޭނުންފުޅުވަނީ، ރާއްޖޭގެ ތާރީޚީ ބޮޑު މަރުކަޒެއްގެ ގޮތުގައި ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު ހެނދުނު މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިފަހަރު އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، މިކަން ހިންގެވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވި ކަން ހާމަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ކަރުދާސް ސަލާމަތް ކުރުމަށާއި، މުސްކުޅި އާޘާރީ ޢިމާރާތްތައް މަރާމާތު ކުރުމުގެ ހުނަރު ދަސްކުރާ މަރުކަޒެއް ރަސްގެތީމުގައި ޤާއިމު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށާއި އެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހާމަކުރެއްވިއެވެ. އަދި ރަސްގެތީމުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، މިއަހަރުގެ ތެރޭގައި ރަސްގެތީމުގައި ނަރުދަމާގެ ޚިދްމަތް ޤާއިމު ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ހައުސިން ޔުނިޓް ހެއްދެވުމުގެ މަސައްކަތްވެސް ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ރައްޔިތުން އެދޭ ކަންތައްތައް މިހާރުން މިހާރަށްވެސް ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ، ލާ މަރުކަޒީ އުސޫލުން ރައްޔިތުންނަށް ބާރު ދެއްވައި ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ގެންދެވުމަށް ކަމުގައި ވިދާޅުވެ، މިކަމުން ރައްޔިތުންނަށް ލިބޭނެ ޙަޤީޤީ ފައިދާތަކުގެ މައްޗަށްވެސް ރައީސް ނަޝީދު ބައްލަވާލެއްވިއެވެ.

ރައީސް ނަޝީދު ރަސްގެތީމަށް ކުރެއްވި ދަތުރުފުޅުގައި ރަސްގެތީމު ސްކޫލުގެ ރިހި ޔޫބީލް ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައި، ރިހި ޔޫބީލް ފަންޑު ހުޅުއްވައި ދެއްވިއެވެ. މި ޢިމާރާތަކީ، ޕީ.ޓީ.އޭ.އިން ޚަރަދު ކުރައްވައިގެން ބިނާ ކުރައްވާ ޢިމާރާތެކެވެ.