ދިވެހިރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭރު ޤައުމުތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލް އަޒީޒް އާލް-ސަޢުދާއި، މޮރޮކޯގެ ރަސްގެފާނު ހިޒް މެޖަސްޓީ މުޙައްމަދު 6 ވަނައާއި ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާނާއި، އެޤައުމުގެ ނައިބު ރައީސް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމާއި، އަބޫދާބީގެ ވަލީއަޙުދު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނާއި، އިޖިޕްޓްގެ ރައީސް ޢަބްދުލް ފައްތާޙް އާލް-ސީސީ އާއި، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯންއާއި، ރިޕަބްލިކް އޮފް ކޮރެއާގެ ރައީސް މޫން ޖައި-އިން ހިމެނިވަޑައިގަންނަވައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި، އެޤައުމުގެ ވަލީއަޙުދު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި މެސެޖްގައި އެމަނިކުފާނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވައި، ދިވެހިރައްޔިތުންނަށް އުފާ ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައިވެއެވެ.

ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ރައީސް ފޮނުއްވި މެސެޖްގައި ރައީސުލްޖުމްހޫރިއްޔާއަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން ރައްޔިތުންނަށް އުފާ ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައިވެއެވެ. ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ނައިބު ރައީސާއި، އަބޫދާބީގެ ވަލީއަޙުދު ފޮނުއްވި މެސެޖްގައި މިނިވަން ދުވަހުގެ ތަޙުނިޔާ އަރިސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އިޖިޕްޓްގެ ރައީސް ފޮނުއްވި މެސެޖްގައި ދިވެހި ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިތުރު ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި ދެޤައުމުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ރަޝިޔާގެ ރައީސްގެ މެސެޖުގައި ދެޤައުމަށް ވެސް ފައިދާ ހުރި ގޮތުގައި ރަޝިޔާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. މޮރޮކޯގެ ރައީސްގެ މެސެޖްގައި ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވާ އެގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

އެމެރިކާގެ ރައީސް ފޮނުއްވި މެސެޖްގައި ދިމިޤްރާތީ ނިޒާމް ދެމެހެއްޓުމަށް ރާއްޖެއަށް އެއްބާރުލުން ދެއްވުމާއެކު އިންޑިއަން އޯޝަންގެ ސުލްޙައާއި ފާގަތިކަމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. ފްރާންސްގެ ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާއި ފްރާންސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާލުވެފައިވެއެވެ.

މީގެއިތުރުން ސައުތު ކޮރެއާގެ ރައީސްގެ މެސެޖްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދެޤައުމަށް ފައިދާ ހުރި ގޮތުގައި މުސްތަޤްބަލްގައި ވެސް އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަން ހާމަކުރައްވާފައިވެއެވެ.