މިހިނގާ 2018 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި ބާއްވަވައިފިއެވެ. މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.