ދުނިޔޭގައި މިހާރު ގެންގުޅޭ ވިސްނުން ގެންގުޅެގެން ނޫނީ، ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ އަލިފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވެރިކަން ބަދަލުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދެއްވުމަށްކަން ބަޔާންކުރެއްވިއެވެ. މިރޮނގުން ރައީސް ނަޝީދު ވާހަކަފުޅުދައްކަވަމުން، އިންތިޚާބު އަންނާތީ، އެކިބާވަތުގެ ވާހަކަދައްކައިގެން، ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ބޭނުންފުޅުނުވާ ކަމަށާއި، ރައްޔިތުންނަށް އެކި ދަޅަ ދައްކަވަންވެސް ބޭނުންފުޅުނުވާ ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓަން ބޭނުމިއްޔާ ހުސް ވާހަކަދައްކައިގެން ނުވާނެ ކަމަށާއި، އެމަނިކުފާނު ދައްކަވާނީ ކުރެއްވޭނެ ކަންތައްތަކުގެ ވާހަކަ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައްޔިތުންގެ އަޑު ނީވޭގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅުނުވާ ކަމަށާއި، ރާއްޖެ ތަރައްޤީވުމަށް އެޅިފައި އޮތް އެންމެބޮޑު ހުރަހަކީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ނެތުން ކަމުގައި ވިދާޅުވިއެވެ. ރައްޔިތުންގެ އަޑު ނީވޭހާ ހިނދަކު، ރާއްޖެއަށް ތަރައްޤީ ނުގެނެވޭނެކަން ރައީސް ބަޔާންކުރެއްވިއެވެ. އަދި ސަރުކާރުގެ އެންމެބޮޑު އަމާޒަކީ، ކޮންމެ މީހެއްގެ ޖީބަށް ވަންނަ ފައިސާ އިތުރު ކުރެއްވުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރައްޔިތުންގެ މަޖިލީހެއް މެދުވެރިކޮށްގެން މެނުވީ ވެރިކަމެއް ނުހިންގޭނެކަން ފާހަގަކުރެއްވިއެވެ.

އަލިފުށްޓަށް ސަރުކާރުން ކޮށްދެއްވާނެ ބައެއް ކަންތައްތައް ރައީސް ހާމަކުރައްވަމުން، އެރަށުގައި ނަރުދަމާގެ ޚިދްމަތް ގާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި، އަލިފުށީގައި ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށާއި، ބޭންކްގެ ޚިދްމަތްވެސް އަލިފުށްޓަށް ފޯރުއްވައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަލިފުށްޓަށް މިކުރެއްވި ދަތުރުފުޅުގައި، އަލިފުށީ ވަޑިންގެ އެކުވެރި ޖަމްޢިއްޔާގެ އާ ޢިމާރާތް ހުޅުއްވައި ދެއްވައި ޢިމާރާތުގައި ދިދަ ނަންގަވައި ދެއްވިއެވެ.
ރައީސް ނަޝީދު މާޅޮސްމަޑުލު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަތީ މިއަދު ވަރަށް ހަވީރުއެވެ.