ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި މެރީނާއެއް ގޮތަށް ތަރައްޤީކޮށްފައިވާ ޖެޓީ ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހަވީރު ބާރަށުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި މެރިނާއެއް ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށް ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައެވެ.  

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް  ފައްޓަވާދެއްވާފައިވެއެވެ. އަދި ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް  ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ. އަދި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ރަސްމީކޮށް ވަނީ ފަށްޓަވައިދެއްވާފައެވެ. މީގެއިތުރުން ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.