ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރުފަހު ތިލަދުންމަތީ އުތުރުބުރީ ބާރަށަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބާރަށަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބާރަށަށް ކުރައްވާ މިދަތުރުފުޅަކީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ބާރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް  ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް  ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ. އަދި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ރަސްމީކޮށް ވަނީ ފަށްޓަވައިދެއްވާފައެވެ. މީގެއިތުރުން ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.