ދިވެހި ރާއްޖޭގެ އިޤްތިޞާދު ތަނަވަސްވެ ބޮލަކަށް ޖެހޭ މިންވަރު، މިސަރުކާރުގެ ކުރިން ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ހޯދާފައިވާ ވަރަށްވުރެ ބޮޑު ކުރިއެރުމެއް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯއްދެވިފައިވާކަމަށާއި މިކާމިޔާބު ހޯއްދެވިފައިވަނީ މިސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ވުމުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީ ކެލާގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

 މިއަދު މެންދުރު ކެލާގައި ބޭއްވެވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚިޔާލު ތަފާތުވާކަންކަމުގައި ވަކިވަކި ފަރުދުންނަށް އިސްކަން ނުދެއްވުމަށާއި، އަބަދުވެސް ޤައުމީ ވިސްނުން ކުރިއަށް ނެރެ، މުޅި މުޖުތަމަޢުގެ މަސްލަހަތަށް ވިސްނުމަށް އިލްތިމާސްކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ކަންކަން ނިންމުމުގައި ބޭރުގެ ފަރާތްތަކުން ގޮތް ނިންމުމުގެ ފުރުޞަތު މި ސަރުކާރުން ނުދެއްވާނެކަމަށެވެ. އަދި ކިތަންމެ ބިޔަ ކަނޑެއްގައި ދުއްވަން ޖެހުނު ނަމަވެސް ދިވެހިރާއްޖެ އޮންނަން ޖެހޭނީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ދިވެހި ރާއްޖޭގައި އިސްލާމްދީނާ ތަޢާރުޒުވާ އެއްވެސް ކަމެއް ހިނގުމުގެ ޖާގަ ނުދެއްވާނެކަމުގައި ވެސް އެމަނިކުފާނު  ވިދާޅުވިއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިންނަކީ ރައްޔިތުންގެ ކަންކަމާއި ވިސްނާ ރައްޔިތުންގެ ޙާލަތު ބަދަލުކުރުމުގެ ޤާބިލުކަން ހުރި ބައެއްކަން އެމަނިކުފާނު ރަށްރަށަށް ޒިޔާރަތްކުރެއްވުމުން، ފާހަގަވެގެންދާކަމުގައި  ވިދާޅުވިއެވެ. އަދި މިސަރުކާރުން ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ފުއްދަވައިދެއްވުން ކަމަށާއި އަބަދުވެސް ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ފުއްދަވައިދެއްވޭތޯ އެމަނިކުފާނު މަސައްކަތްޕުޅު ކުރަށްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހި ކޮންމެ ރައްޔިތަކުވެސް ފުދުންތެރި ރައްޔިތަކަށްވާން ބޭނުންވާނެ ކަން ފާހަގަކުރައްވަމުން އެކަން އެންމެ ފުރިހަމަގޮތުގައި ޙާސިލްކުރެވޭނީ ތަރައްޤީގެ މަޝްރޫޢުތަށް ހިންގައިގެން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް  ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން، މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް  ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ. މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.