ކޮންމެ ގައުމެއްގައިވެސް ޑިމޮކްރަސީ އޮންނަންވާނީ އެޤައުމެއްގެ މަސްލަހަތާ އެއްގޮތައްކަމަށާއި، ރާއްޖޭގައި އޮންނަންވާނީ ދިވެހި ވެއްޓާގުޅޭ އިސްލާމީ ފިކުރުގެ ޑިމޮކްރަސީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި އިސްލާމްދީނާ ތަޢާރުޒުވާ، މުޅި ރައްޔިތުންގެ ޙައްޤު ގެއްލޭ ކަންކަން ހުއްދަނުވާނެކަމަށާއި، އަބަދުވެސް ވިސްނަންވާނީ މުޅި މުޖުތަމަޢުގެ މަސްލަހަތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 
މިއަދު މެންދުރުފަހު ހޯރަފުށީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންނާ އެމަނިކުފާނާ ދޭތެރޭގައި އޮތް ގުޅުމަކީ ރައްޔިތުން އުންމީދުކުރާ ހުވަފެން ދެކުމަށްފަހު އެ ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށް އެމަނިކުފާނު އަރިހުގައި ދެންނެވުމުން އެކަމެއް ކޮށްދެއްވާ އުސޫލުން އޮންނަ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ ތަރައްޤީ ގެނައުމުގައި އެމަނިކުފާނަށް އިތުބާރުކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވެޑައިގެންނެވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅުދައްކަވަމުން ޤައުމެއްގައި ދިރިއުޅޭ ޒުވާނުންގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ޒުވާނުންގެ ހިޔާލަކީ އާރޯތާނާ ހިޔާލުކަމަށާއި، ފޯރިއާ ޖޯޝް ހުންނަ ހިޔާލުކަމަށެވެ. އަދި ޒުވާނުންނަކީ ހާލަތު ބަދަލުކުރަން ނުކުންނަ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ޒުވާނުން ކަންކަމުގައި ބައިވެރިކޮށް ހާލަތު ބަދަލުކުރުމަށް ހިތްވަރުދީ ހަދާނަމަ ޒުވާނުންނަކީ އެންމެ ފޯރީގައި ކަންކަމުގައި ހަރަކާތްތެރިވެ ޤައުމު ކުރިއެރުވުމުގައި ނުކުމެ އުޅޭނެ ބަޔަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ކުރިއަށް އޮތްތާގައި މިސަރުކާރު ދެމި އޮވެއްޖެނަމަ ރައްޔިތުންނަށް އެތައް ފަސޭހަތަކަކާއި ޚިދުމަތްތަކެއް ލިބިދޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ޚާއްޞަ ކާޑެއް ތައާރަފުކުރައްވައި މަސްވިއްކޭނެ ގޮތްތައް ތަނަވަސްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު ރާއްޖޭގެ ބިމުގެ ތަނަވަސްކަން މިހާރަށްވުރެ އިތުރުކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.