މާލޭގެ ކުނިކޮށި އެނދުމަށްފަހު އެތަން ސާފުކުރެއްވުމުގައި މާލޭ މުނިސިޕަލްޓީން ކުރައްވާ މަސައްކަތްޕުޅުތައް ރައީސް މުޙަންމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ މާލޭ މުނިސިޕަލްޓީގެ ރައީސަށް މިއަދު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުނިކޮށްޓާއި ނީލަން މުދާ ބަހައްޓާފައި ހުރި ޢިމާރާތުގައި އަލިފާނުގެ ހާދިސާއެއް މެދުވެރިވެ ރޯވެފައިހުރި އަލިފާންގަނޑު ނިންވާލެއްވުމަށްފަހުވެސް އެތަނުގެ އަޑީގައި އުފެދިފައިހުރި އަނގުރުން އަރާ ދުމާއި ގޭހާއި ވަހުގެ ސަބަބުން ރައްޔިތުންނަށް މެދުވެރިވަމުންދާ ތަކްލީފްތަކަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމުގައި މާލޭ މުނިސިޕަލްޓީން ގެންދަވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުނިކޮށީގެ ކަންތައްތައް ޙައްލު ކުރެއްވުމުގައި އެމް.އެން.ޑީ.އެފުން އެތަނަށް ފެން ޖައްސަވައި ދެއްވައި ތަފާތު މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާކަންވެސް މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކު ފާހަގަކުރެއްވިއެވެ. ކުނިކޮށީގައި ރޯވި އަލިފާން ނިއްވެވުމުގައި އަދި އެތަނުގެ އަޑީގައިހުރި އަނގުރުތައް ނިއްވާލަދެއްވުމުގައި މާލޭ މުނިސިޕަލްޓީއަށް އެމް.އެން.ޑީ.އެފުންވަނީ އެހީތެރިވެދެއްވާފައެވެ.