ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަމަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަށް ކުރައްވާ މިދަތުރުފުޅުގައި އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް  ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި ދިއްދޫ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވައި ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައެވެ. އަދި، އެއަށްފަހު ހއ. ކެލާއަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން  އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.