ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލުގައި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ތަޢާރުޒުވާ މާއްދާއެއް ހިމެނިފައިވާ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެކެވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެއޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މިދަންނަވާލަނީ އެ ނޫސްބަޔާނެވެ.

" ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލުގައި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ތަޢާރުޒުވާ މާއްދާއެއް ހިމެނިފައިވާ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައެއްނުގަންނަވައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ބިލް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ތައްގަނޑު އޭގައި ހިމެނިގެންކަމުން، އެބިލާބެހޭ ޙަޤީޤަތް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ، އެޓަރނީ ޖެނެރަލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

ހިނގާފާނެ ކަމެއް ނުވަތަ މަޖިލީހުން ނިންމަވާފާނެގޮތެއް އެއީ، ޤާނޫނުއަސާސީއާ ތަޢާރުޒުވެދާނެ ކަމެއްތޯ ބެއްލެވުން އެއީ، އުސޫލެއްގެ ގޮތުން ސްޕްރީމް ކޯޓުން ބައްލަވައި ނުވަތަ ހިންގަވާ ކަންތައްތަކުގެ ތެރޭގައި ހިމެނިދާނެ ކަމެއް ކަމުގައި ވެދާނެ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައެއްނުގަންނަވައެވެ. އެޓަރނީ ޖެނެރަލް ޝާއިޢު ކުރައްވައި އެންމެފަހުން ނެރުއްވާފައިވާ 4 ލަފަޔަކީވެސް، އެއޮފީހުގެ ދެން ތިއްބެވި މުވައްޒަފުންނާ ޙިއްޞާ ކުރައްވައިގެން ނެރުއްވާފައިވާ ލަފާ ނޫންކަމާއި، އެމަސައްކަތް ކުރައްވާފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެހެން މުވައްޒަފުން ބައިވެރިނުކުރައްވާ އަމިއްލަފުޅަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބެލިބެލުމުގައި އެނގިފައިވެއެވެ. މިކަންކަމަކީ، ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ ޢާންމު ކަންތައްތައް ހިންގަވަމުން ގެންދަވާ އުސޫލުތަކާއި އަދި މަޝްވަރާ ކުރައްވައިގެން ކަންތައްތައް ކުރެއްވުމުގެ ރޫޙާ ޚިލާފަށް ކުރައްވާފައިވާ ކަންކަންކަމުގައިވެސް ފާހަގަކުރެވެއެވެ. އަދި މިއީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ބުރޫއެރުއްވުމަށް ކުރައްވާ ކަމެއް ކަމާއި، މަޖިލީހުގެ ބަޙުޘް މަރްޙަލާގައި، އެހެން މުއައްސަސާއެއް މެދުވެރިކުރައްވައި ބަޙުޘަށް ނުފޫޒު ފޯރުއްވުމަށް ކުރައްވާ ކަމެއް ކަމަށްވެސް ރައީސް ދެކެވަޑައިގަންނަވައެވެ.

ސަރުކާރުގެ ކަންތައްތަކުގައި އެއްވެސް ވަޒީރަކު، އެވަޒީރެއްގެ މަގާމުގެ ނާޖާއިޒު ނުފޫޒު ފޯރުއްވައިގެން ކަންތައްތަކަށް މަގުފަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ކަމެއް ނޫނެވެ. "