ޔަމަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މުޙައްމަދު މޮޓަހަރ އަލާޝާބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޔަމަންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަރަބި އިސްލާމީ ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި، ޔަމަނާ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

މިބައްދަލުކުރެއްވުމުގައި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދެޤައުމުން އިސްކަންދޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި  އެކުގައި މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޔަމަންގެ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި ދިވެހިރާއްޖެއަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

 މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.