ގާނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ މައިކަލް އޭރަން ނީ ނޯރޓޭ އޮކުއަޔޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ގާނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ގާނާއާ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ ތިރީސް އަހަރު ފުރެން ކައިރިވެފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގާނާގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ގާނާއާ ދެމެދުގައިވާ ގާތް އެކުވެރި ގުޅުން އިތުރު ރޮނގުތަކުން ބަދަހިވާނެކަން ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ދެޤައުމުގައި ހުރި އެއްގޮތް މައްސަލަތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ގާނާގެ ސަފީރުވަނީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށާއި ވިދާޅުވި ހޫނު މަރްޙަބާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެއްވެން ހުރި މަސައްކަތްޕުޅުތަކާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މީހުން ބިނާކުރުކުރުމުގެ ދާއިރާގެ އިތުރުން ވަކިން ޚާއްޞަކޮށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއާއި ގުޅޭގޮތުން ދެބޭފުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.