ސިފައިންގެ 117ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ ރައީސް މުޙަންމަދު ނަޝީދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި އައްޑުއަތޮޅު ހިތަދޫގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ސަދަން އޭރިއާ އިފްތިތާޙް ކޮށްދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ސަދަން ކޮމާންޑް އެކުލަވާލެވުނީ ވަރަށްގިނަ ބޭފުޅުން ކުރެއްވި ވަރަށްގިނަ މަސައްކަތްތަކުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. އަދި މިއީ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނު ދައްކަވާ އެއްވެސް ވާހަކަފުޅަކީ، ބައެއްގެ ލޮލުގައި އަނދުނެއް އަޅުއްވަން ދައްކަވާ ވާހަކަފުޅެއް ނޫން ކަމަށާއި އަދި އެއީ، ޚިޔާލީ ފޮލާއެއްގެ ގޮތުގައި ދައްކަވާ ވާހަކަފުޅެއްވެސް ނޫން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނީ، އެކަމުގެ ފުރިހަމަ ނަތީޖާ ފެންނާނެ ގޮތްތައް ބައްލަވައިގެން އެގޮތްތަކުގެ މަތިން ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ހިތަދޫ ޒޯން ސްޓޭޑިއަމަށް ވަޑައިގަތުމުން އެމަނިކުފާނާ އިސްތިޤްބާލް ކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިޞަލާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލާއި، އެމް.އެން.ޑީ.އެފް. ސަދަން އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙަންމަދު ދީދީއެވެ. ރައީސުލްޖުމްހޫރިއްޔާ ސެލިއުޓިންގ ޑަޔަސްއަށް އަރާވަޑައިގަތުމާއެކު ލަޝްކަރު ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ބޭންޑުގައި ޤައުމީ ސަލާން ކުޅުނެވެ.

ރައީސް މުޙަންމަދު ނަޝީދު އައްޑުއަތޮޅަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ. ގަމުން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ.