އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެން އެދޭގޮތަށް، އެދޭ މިޞްރާބަށް ގެންދެވޭނީ، އަޅުގަނޑުމެންގެ ތެރޭގައި ޑިމޮކްރަސީގެ ހަމަތައް މިހާރަށްވުރެ ބޮޑަށް އަށަގަންނުވައިގެން އެހަމަތައް ހިތުގެއަޑިން ގަބޫލުކުރެވިގެން ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އައްޑުއަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް އިޢުލާނު ކުރެއްވުމަށްޓަކައި މިއަދު ހެނދުނު މުޙިއްބުއްދީން ސްކޫލްގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައްޔިތުންގެ ރުހުމާއި ލޯބި ބިނާވެފައި އޮންނަންޖެހޭނީ އެޕާޓީއަކުން ހުށަހަޅާ ތަޞައްވުރެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަޞައްވުރު ރައްޔިތުންނާ ޙިއްޞާ ކުރައްވައި، އައްޑުއަތޮޅުގައި މިއަދު މި އިޢުލާނު ކުރެވުނު މަޝްރޫޢުތަކަކީ، މި ތަޞައްވުރުގެ ތެރެއިން ނުވަތަ މެނިފެސްޓޯގެ ތެރެއިން އިޢުލާނު ކުރެވުނު މަޝްރޫޢުތައް ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ދަޅަދައްކަވަން ނޫޅުއްވާ ކަމަށާއި، އެއަށްވުރެ ބޮޑަށް އެމަނިކުފާނަށް ރައްޔިތުން އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އޮޅުވާލައްވަން ބޭނުންފުޅުނުވާ ކަމަށާއި، ސަރުކާރުގެ ވާޖިބަކީ ސަރުކާރުން ކުރައްވާ ކަންތައްތަކުގެ މަޢްލޫމާތު ރައްޔިތުންނަށް ސާފުކޮށް އެރުވުން ކަމުގައި ވިދާޅުވިއެވެ.

އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި މިއަދު އިޢުލާނު ކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢަކީ، ފެނާއި ނަރުދަމާގެ މަޝްރޫޢެވެ. މިމަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ. އެމަނިކުފާނު މިމަޝްރޫޢު އިޢުލާނު ކުރެއްވުމަށްފަހު ފެނާ ނަރުދަމާގެ މަސައްކަތުގެ ލައިސަންސް އެމް.ޑަބްލިޔޫ.އެސް.ސީ.އާ ޙަވާލުކުރެއްވިއެވެ. އަދި، މިމަސައްކަތް ހިނގާނެ ގޮތުގެ ޕްރެޒެންޓޭޝަނެއް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙަންމަދު އަޙްމަދު ދީދީ ދެއްވިއެވެ.

މިރަސްމިއްޔާތުގައި، ދަތުރުފަތުރުގެ ނިޒާމުގެ ޕްރެޒެންޓޭޝަނެއް ދެއްވައި، ޕޯޓްސްއާއި އެއަރޕޯޓް ކޯޕަރަޓައިޒް ކުރެއްވުމާ ބެހޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ޢާދިލް ސަލީމް ވާހަކަފުޅު ދެއްކެވިއެވެ. އަދި، ޕޯޓްސް އާއި އެއަރޕޯޓް ކޯޕަރަޓައިޒް ކުރެއްވުމުގެ ޤަރާރުގައި ސޮއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މިޤަރާރުގައި ސޮއިކުރެއްވުމަށްފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގެ އުޞޫލުން ހިންގާނެ ކަންކަން ފާހަގަކޮށް ވިޔަފާރީގެ އުޞޫލުން އެކަންކަން ހިންގުމަކީ ރައްޔިތުންނަށާއި ދަޢުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތް ކަމުގައި ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި، ހައުސިންގ ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީވެސް މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ. އައްޑުއަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫޢާބެހޭ ޕްރެޒެންޓޭޝަން ދެއްވީ، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މަޙްޖޫބު ޝުޖާޢެވެ. އެސް.ޓީ.އޯ.އިން އައްޑުއަތޮޅުގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކާބެހޭ ޕްރެޒެންޓޭޝަން ދެއްވީ އެސް.ޓީ.އޯ.ގެ އިސްބޭފުޅުންނެވެ. އަދި އައްޑޫ ހޮސްޕިޓަލް މަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ އަޙްމަދު ފަޔާޒް ޙަސަނެވެ. ކުއްލިއްޔާގެ މަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙްމަދު ޢަލިމަނިކެވެ. އައްޑުއަތޮޅުގައި ލީގަލް ޓްރޭނިންގ އިންސްޓިޓިއުޓެއް ޤާއިމުކުރެއްވުމާ ބެހޭގޮތުން އަލްއުސްތާޛު ޙުސްނުއްސުޢޫދު ވާހަކަފުޅު ދެއްކެވިއެވެ.

އައްޑުއަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް އިޢުލާނު ކުރެއްވުމުގެ ޖަލްސާއަށްފަހު، ރައީސް މުޙަންމަދު ނަޝީދު، ސަދަން ޕްރޮވިންސް އޮފީހަށް ވަޑައިގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރެއްވުމުގެ މަސައްކަތް ފަށްޓަވައި ދެއްވައި އެމަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ. އަދި ސަދަން ޕްރޮވިންސް އޮފީސްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.