މިސަރުކާރުން ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މިސަރުކާރުން މިކުރައްވާ މަސައްކަތަކީ، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ދިވެހި ރައްޔިތުންނާ ދޭތެރޭގައިވެސް އެއްހަމަޔަކުން އިންސާފު ޤާއިމުކުރުމުގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ދިއްގަރުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު ދިއްގަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ މުހާތަބުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި މާޒީގެ ޞަފްޙާތަކުން ފިލާވަޅު ލިބިގަތުމަށާއި، 23 ސެޕްޓެމްބަރުގައި ދިވެހިން ލާ ވޯޓަކީ ހަމަޖެހުމާއި ތަރައްޤީއަށް ދެއްވާ ވޯޓަކަށް ހެއްދެވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި، ކުރިޔަށް އޮތް 5 އަހަރަށް އެމަނިކުފާނު ގެންގުޅުއްވާ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަން ފާހަގަކުރައްވައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މި ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ އެޖެންޑާއަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޖްތިމާޢީ ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ޒުވާން ޖީލެއް ހަލާކުވެ ދިއުމަކީ މި ސަރުކާރުން ބޭނުންވާ ކަމެއްނޫން ކަމަށާއި ރަނގަޅު މުޑުވަކަކަށް ދިވެހި ޒުވާނުން ހެއްދެވުމަށްޓަކައި ދީނީ ތަރުބިއްޔަތު ދިނުމުމަކީ މުހިންމުކަމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިންގެ ކަންކަން ނިންމުމުގައާއި ދިވެހިންގެ މަސްލަޙަތު އޮންނަ ކަންކަމުގައި ބޭރުގެ ފަރާތްތަކުން ގޮތް ނިންމުމުގެ ފުރުޞަތު މި ސަރުކާރުން ނުދެއްވާނެކަމަށާއި، ދިވެހިންނަކީ ބޭރު ދުނިޔޭގައި ޝަރަފުވެރި، އަބުރުވެރި ބަޔަކަށްވާންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަކީ ވަޞީލަތް މަދު ބިން ނެތް ޤައުމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށާއި، ރާއްޖޭގައި ހުރި ވަޞީލަތްތައް ތަރައްޤީކޮށްގެން އެއިން ތަނަވަސްކަން ރައްޔިތުންނާ ހަމަޔަށް ގެނެސްދެއްވުމަކީ އެވަގުތެއްގައި ވެރިކަމާއި ހަވާލުވާބައެއްގެ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅުގެ ބައެއް ރަށްރަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، މުއްޔަށް ވަޑައިގެން އެރަށު ބިން ހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު ކޮޅުފުށްޓަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.