ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް ޢަބްދުލް ޢަޒީޒު ބިން ސަޢުދު ބިން ނާއިފް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
 
މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 
 
މިއަދު ސޮއިކުރެއްވި އެއްބަސްވުމަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިގާރޑިންގ ދަ ސަޢުދީ ފަންޑް ޕަރޓިސިޕޭޝަން އިން ދަ ފައިނޭންސިންގ އޮފް އެފޯޑަބްލް ހައުސިން ސްކީމް ޕްރޮޖެކްޓް، އެންޑް ޑިވެލޮޕްމެންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓް" އެވެ.
 
މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޓް ޓްރެޜަރީ އަޙުމަދު މުނައްވަރާއި، ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާރމަން އަޙްމަދު ބިން އަޤީލް އަލް ޚަތީބެވެ.  
 
ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.