4 ޖުލައި 2018 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާއިން ފާސްކުރި "ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު)" އަށް ގެނައި 1 ވަނަ އިޞްލާޙު އަދި 2 ވަނަ އިޞްލާޙުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
މިއަދު ތަޞްދީޤު ކުރެއްވި މި ބިލުން އިޞްލާހު ގެނަސްފައިވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 7 ވަނަ މާއްދާ އާއި 9 ވަނަ މާއްދާއަށެވެ. މިގޮތުން، މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް މި ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) ވަނީ އިޞްލާޙުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާކަމަށްޓަކައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ރައްޔިތަކަށް ވެފައިވާ ބޭރު ޤައުމުގެ ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުންނެވެ.
މީގެއިތުރުން މިބިލު ތަސްދީގު ކުރެއްވުމުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީގެ ޢަދަދަކީ 100،000.00 (އެއްލައްކަ) ރުފިޔާ ކަމުގައި ވެސް ހަމަޖެހިގެންދާނެއެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު އަދި 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.