އެއްވެސް ހާލެއްގައި އެއްވެސް ސިވިލް ސަރވަންޓަކަށް ބިރުދައްކަވައި، ވަޒީފާއަށް ގޮތެއްވެދާނެ ކަމަށް އިޝާރާތް ކުރައްވައި، އިންޒާރު ދެއްވައި، އެބާވަތުގެ ކަމެއް ކުރައްވާކަށް ބޭނުންފުޅުނުވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މާލެއަތޮޅުގެ ތިންރަށަކަށް އެމަނިކުފާނު މިއަދު މެންދުރުފަހު ފެށްޓެވި ދަތުރުފުޅުގައި، ގުޅިއަށް ވަޑައިގެން ގުޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި، އަޅުގަނޑުމެން މީގެ ކުރީގައިވެސް އިންތިޚާބުތައް ކާމިޔާބު ކުރީކީއެއް ރައްޔިތުންނަށް ބިރުދައްކައިގެނެއް ނޫނެވެ. ވެރިންނަށް ބިރުދައްކައިގެނެއްވެސް ނޫނެވެ. އަޅުގަނޑުމެންނަށް ރައްޔިތުން ވޯޓުދެނީ ހެޔޮހިތުންނެވެ. އަޅުގަނޑުމެންނާ ރުހުނީމައެވެ. އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައް ރައްޔިތުންނަށް ގަބޫލު ކުރެވޭތީއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރުގެ އޮތީ އެންމެ ބޭނުންފުޅެއް ކަމަށާއި، އެއީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައި ދެއްވުންކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސީދާ ރަނގަޅަށް ތަރުތީބުވެފައި، ރޭވިފައި އޮތް ސިޔާސަތެއްގެ ތެރެއިން، އެމަނިކުފާނު ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދެވީމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށްޓަކައި ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ބޭނުންފުޅުވާ ކަމަށާއި، އާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވީމާ، މަދުވެގެން 64 އާ ޤާނޫނު މިހާރު ބޭނުންފުޅުވެފައި އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެޤާނޫނުތައް ހެދެން ޖެހޭނީ ބަދަލަށް މަގުފަހިވާ ގޮތަށް، ފަހަތަށް ދާގޮތަކަށް ނޫންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިމޭރުމުން ރައީސް ވާހަކަފުޅު ދައްކަވަމުން، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީ.އަށް ގޮނޑިތައް ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ރައީސް އިންތިޚާބާ ބެހިވަޑައިގަންނަވަނީކަމަށް ވިދާޅުވެ، ބައެއް ބޭފުޅުން ދައްކަވާ ވާހަކައަށް ރައްދު ދެއްވަމުން "އަޅުގަނޑަށްވުރެ ބޮޑަށް މިއިންތިޚާބާ ބެހުން ޙައްޤީ ކާކަށްތޯ" ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ. "އަޅުގަނޑަކީ އެންމެ ފުރަތަމަ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން އިންތިޚާބުވެފައިހުރި ރައީސެވެ. އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައްޔިތުންގެ ތާއީދު ލިބުނީތީވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އަޅުގަނޑު ކުރީމެވެ. އަޅުގަނޑުގެ މައްޗަށް ވާޖިބުވަނީ އެމް.ޑީ.ޕީ.ގެ ސިޔާސަތު، މެނިފެސްޓޯ ހަމަހަމަކަމާ އެއްގޮތްވާ ގޮތުގެމަތިން އެއްވެސް ދެރައްޔިތަކު ތަފާތުނުކޮށް، ވަކި ޕާޓީއަކަށް އެމީހަކު ނިސްބަތްވިޔަސް ތަފާތުނުކޮށް އެސިޔާސަތު ރައްޔިތުންގެ މައްޗަށް ހިންގުމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.