އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ދިވެހިރާއްޖެ ގެންދެވޭނީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީގެ މަސައްކަތް ކުރާނެ ޤާބިލު ހުނަރުވެރި ޒުވާން ޖީލެއް އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑިތީމަށް ވަޑައިގެން އެރަށުގެ ބަދަރު ހުޅުއްވައިދެއްވުމަށްފަހު އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިއަދު މެންދުރުފަހު ކަނޑިތީމުގައި އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގައި ވިސްނަވާނީ ބަނދަރާއި، ނެރުހެދުމާއި، މަގުހެދުން ފަދަ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް އެކަނި ނޫން ކަމަށެވެ. މުޅި ރާއްޖެއަށް މިއަންނަ ތަރައްޤީއާ އެކުގައި ޓެކްނޮލޮޖީއަށް ފަރިތަ ޒުވާން ޖީލެއް ވެސް އުފައްދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ހުނަރުވެރި ޤާބިލު ޓެކްނޮލޮޖީއަށް އަހުލުވެރި ޒުވާން ޖީލެއްގެ ބިންގާ އެޅުމުގެ ގޮތުން ސްކޫލްތަކުގެ ތަޢުލީ ނިޒާމް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެ ދެކެން ބޭނުންވާ ތަރައްޤީ ގެނެވޭނީ ޚިޔާލެއް ނުވަތަ ތަޞައްވުރެއް އޮވެގެން ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއަރޕޯޓްތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަކީ އިޤުތިޞާދީ އާ ވިސްނުމެއްގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ރާއްޖެއަށް ޓޫރިޒަމް އާއްމުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީ ކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތް ނިމުމާއެކު، މިސަރައްޙައްދުގެ އެންމެ ވަރުގަދަ އެއް ބައިނަލްއަޤުވާމީ ސީ ޕޯޓް ހެދުމުގެ މަސައްކަތް ވެސް ފެއްޓެވުމަށް ވިސްނަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ހަމައެއާއެކު މިފަދަ ކޮންމެ ތަރައްޤީގެ މަޝްރޫޢަކާއެކު އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.