ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް، އައްޑު އަތޮޅު ހިތަދޫ ކޯޒީރައުންޑް، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ މިއަދު ޢައްޔަން ކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މައްޗަންގޮޅި ވޭސައިޑް 310 ފްލެޓް، އަލްއުސްތާޛު ޢަބްދުﷲދީދީ އާއި، ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަން ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައި، ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ)ގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛު ޢަބްދުﷲދީދީ އާއި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވީ އެ މަގާމުތަކަށް އެ ބޭފުޅުން ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިގެންނެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، މި 3 ބޭފުޅުންނަށް ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އެއަށްފަހު، 3 ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުކުރައްވާފައެވެ.