ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މޭޖަރ ޖެނެރަލް (ރޓޑ) އަޝިމިޔު އަޑެބަޔޯ އޮލަނިޔި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ނައިޖީރިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން ދެޤައުމުގައި ހުރި އެއްގޮތް ކަންތައްތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މިގޮތުން މި ސަރަޙައްދުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އިސްލާމް ދީން ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން އިސްލާމް ދީނަކީ ޞުލްޙަވެރިކަމާއި އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން އުޅުމަށް ބާރުއަޅާ ދީނެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ނައިޖީރިއާގެ ސަފީރުވަނީ ދެޤައުމުގެ ދޭދޭ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަށްޗަށާއި، އިތުރު ރޮނގުތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، ޞިއްޙީ  ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމާއި، އެކި ރޮނގުތަކުން ދެޤައުމުގެ ތަޖުރިބާތައް ޙިއްޞާކުރެއްވުމާއިމެދު  ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިޖީރިއާގެ ސަފީރުވަނީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށާއި ވިދާޅުވި ހޫނު މަރްޙަބާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ނައިޖީރިއާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮ އެދުމާއި ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ނައިޖީރިއާގެ ސަފީރު ވަނީ އަރިސްކުރައްވާފައެވެ. މީގެ އިތުރުން ނައިޖީރިއާގެ ސަފީރު ވަނީ ކުރިއަށް އޮތް ތާނގައިވެސް މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.