ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ދިވެހިރާއްޖެއަކީ ބޭރު ޤައުމުތަކާއި އެއްސަފުގައި ފައިހަމަކުރެވޭވަރުގެ ޤާބިލު ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ގުރައިދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ޤުދުރަތީ ވަޞީލަތް މަދު ޤައުމަކުން ފާއިތުވެދިޔަ 4 އަހަރެއްހާ ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި އާބާދީގެ ބޮލަކަށް ޖެހޭ މިންވަރު އެތައް ގުނަޔަކަށް އިތުރުކޮށްފައިވުމީ ދިވެހި ހުރިހާ ރައްޔިތުންވެސް އެކަމާ ވިސްނާވަޑައިގަންނަވަންޖެހޭވަރުގެ ކަމެއްކަމުގައި އެމަނިފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށްޓަކައި ކުރިޔަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ޙާލަތު ބަދަލުކޮށް ވަޞީލަތްތައް އިތުރުކުރުމަށް ދިވެހިން ނުކުރާ މަސައްކަތެއް ކޮށްދޭކަށް އެހެން ބަޔަކު ނާންނާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން މި ޢަޒުމުގައި ކުރިއަށް ދިއުމަށް މި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް، ބޭނުންވާ ބާރުމިނުގައި ކުރިޔަށް ގެންދިޔުމުގެ ފުރުޞަތު އެންމެހައި ދިވެހި ރައްޔިތުން މި ސަރުކާރަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ އަތޮޅުގެ 3 ރަށަކަށް މިއަދު ކުރެއްވި މި ދަތުރުފުޅުގައި ތުލުސްދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން މާފުއްޓަށް ޒިޔާރަތް ކުރައްވައި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.