ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހަވީރު މާލެ އަތޮޅު މާފުއްޓަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ގުރައިދޫ ބަނދަރު ހުޅުވުމާއި އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ގުރައިދޫ ބަނދަރު ސަރަޙައްދުގައެވެ. ގުރައިދޫ ބަނދަރަކީ 800 ފޫޓު ދިގު، އަދި 450 ފޫޓު ފުޅާ ބަނދަރެކެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ގުރައިދޫގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް ވެސް އިފްތިތާޙްކޮށްދެއްވާފައެވެ. މިނިޒާމާއެކު 30 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 60 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން ވަނީ ޤާއިމްކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. މީގެއިތުރުން މިއަދު މެންދުރު މާފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.