ދިވެހި ޒުވާނުންނަކީ ޒިންމާ އުފުލަންކެރޭ، ޒިންމާދާރު ޤައުމީ މަޞްލަޙަތަށް ލޯބިކުރާ ބަޔަކަށްވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ބައެއް ރަށްރަށަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މާފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޒުވާނުންނަކީ އިސްލާމީ ރީތީ އުޞޫލުތަކާއި، ދިވެހި މުޖުތަމަޢު ޤަބޫލުކުރާ ރީތި އުޞޫލުތައް ބަލައިގަންނަ ބަޔަކަށް ވާންޖެހޭ ކަމުގައެވެ. ސިޔާސީ މީހުން ކަންކަން ތަންފީޒުކުރަން ބޭނުންވިޔަސް އެކަމުގައި އަމަލީ މައިދާނުގައި މަސައްކަތް ކުރަން ތިބި ބަޔަކީ ޒުވާނުން ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެ ތަނަކަށް ހަދަން ތިބި ބަޔަކީ ދިވެހި ޒުވާނުން ކަމަށެވެ.
މާފުށީގެ ގެސްޓްހައުސްވިޔަފާރި އިތުރަށް ފުޅާވެގެންދިއުމަކީ ސަރުކާރުގެ އެދުމެއްކަމުގައި ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަކުދިންގެ އިސްލާހިއްޔާއަށް ނަގާފައިވާ ބިން މިއަދުން ފެށިގެން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލުމަށް ނިންމަވާފައިވާ ކަމަށެވެ. އެބިމުގައި އިތުރު ގެސްހައުސް ތަރައްޤީކުރުމުގެ އިތުރުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބިގެން ދިއުމަކީ މާފުށީގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރައްޔިތުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލުޖުމްހޫރިއްޔާ މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ މާލެ އަތޮޅުގެ 3 ރަށަކަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. މީގެއިތުރުން މިއަދު ހަވީރު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.