ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑޫސިޓީ މީދޫ ކެނެރީވިލާ މުޙައްމަދު ޖުނައިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް މުޙައްމަދު ޖުނައިދު ޢައްޔަނު ކުރައްވައި، ‏ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް މުޙައްމަދު ޖުނައިދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ‏‏ދީދީގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މުޙައްމަދު ޖުނައިދު ‏ކުރެއްވިއެވެ.

މުޙައްމަދު ޖުނައިދު މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ، އޮސްޓްރޭލިޔާގެ މެލްބަންއަށް ކަނޑައަޅުއްވާ ޓްރޭޑް ރިޕްރެޒެންޓެޓިވްގެ މަގާމަށް އަޢްޔަންކުރެއްވުމަށްޓަކައި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން އިބްރާހީމް ޝަރީފް މުޙައްމަދު، 4 ޖޫން 2018 ގައި ވަކިކުރައްވައި، އޮސްޓްރޭލިޔާގެ މެލްބަންއަށް ކަނޑައަޅުއްވާ ޓްރޭޑް ރިޕްރެޒެންޓެޓިވްގެ މަގާމަށް ޢައްޔަންކުރައްވާފައިވާތީއެވެ.