އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ޔޫސުފް ބިން އަޙްމަދު އަލް އޮތައިމީން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ. އަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެންމެ ވަރުގަދަ ޖަމުޢިއްޔާކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި އެހެން އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން، އޯ.އައި.ސީ. މެދުވެރިކޮށް އިތުރަށް ވަރުގަދަކުރުމާއެކު، ބައިނަލްއަޤުވާމީ މައިދާނުގައި އޯ.އައި.ސީ.ގެ ދައުރު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
އަދި، މި އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމުގައި އޯ.އައި.ސީ.ގެ މަންދޫބުން ޙަރަކާތްތެރިވެވަޑައިގަތުމާއި، ދިވެހިރާއްޖޭގެ މިހާރުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އޯ.އައި.ސީ. އިން އެހީތެރިވެވަޑައިގެންނެވޭނެ ގޮތްތަކާމެދުވެސް ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ.ގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި އޯ.އައި.ސީ. އިން އަބަދުވެސް މަސައްކަތްކުރައްވާނީ ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރާ އެކުގައި ކަމަށާއި، ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެކަން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢައިޝަތު ޢާޒިމާ ޝަކޫރާއި، ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.