ޤައުމުގެ ޙައްޤުގައި، ދިވެހި ދިދައިގެ ޙިމާޔަތުގައި ތެދުވާނެ ދިވެހިން އަބަދުވެސް ތިބޭނެކަމުގެ ކަށަވަރުކަން ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުންގެ ކިބައިން ފެންނަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ދިވެހި ދަޢުލަތުން މިކުރާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢު ވަރުގަދަ ކުރުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ވަރުގަދަ ކުރުމަށާއި، ޤައުމީ ސަލާމަތްކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްކަމުގައި ވިދާޅުވެފައެވެ.
ޤައުމުގެ ޙައްޤުގައި ވާންޖެހޭ ކޮންމެ ޤުރުބާނިއެއް ވާން ތައްޔާރަށްތިބިކަމާއި، ދަޢުލަތާއި ޤައުމު ސަލާމަތްކުރުމުގައި ކުރާ މަސައްކަތުގައި ސިފައިންގެ އެއްވެސް ފަސްޖެހުމެއް ނެތްކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވުމަކީ ޤައުމަށް ތެދުވެރި ދިވެހި ދަރިންތަކެއްގެ ނަމޫނާ ބަޔަކު މި ޤައުމުގައި ތިބިކަމުގެ ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަލާމަތާއި އިސްތިޤްލާލް ރައްކާތެރިކުރުމަށް ދިވެހި ސިފައިން ކުރަމުންދާ އަގުހުރި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުގެ ދުނިޔޭގައި ޤައުމުތަކަށް ހަމަލާދެވެނީ ޤައުމުގެ ވަކިވަކި ފަރުދުން މެދުވެރިކޮށް ފިކުރީ ހަނގުރާމަ ކޮށްގެންކަމަށާއި، މިއީ ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ކޮންމެ ބަޔަކުވެސް ދަންނަންޖެހޭނެކަމެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭރުގައި ތިބި ބައެއް ފަރާތްތަކުން ދައްކާ ސާބިތު ނުހިފޭ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ގެންލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޤައުމުގެ މަސްލަހަތު ނަގާލައި ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ރާއްޖެ ވައްޓައިލަން ބައެއް ދިވެހިން މަސައްކަތްކުރަމުންދާދިޔުން ކުށްވެރިކުރެއްވިއެވެ.