بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على محـمّد، وَعلـى آلـه وصحبــه أجمـعــين.

ކެބިނެޓުގެ މިނިސްޓަރުން، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، މިނިވަން މުއައްސަސާތަކުގެ ވެރިން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން، އަދި ލޮބުވެތި ސިވިލް ސަރވަންޓުން އަދި ސިވިލް ސަރވިސް ކޮމިޝަނުގައި ހަރަކާތްތެރިވާ ސްޓާފުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

ރާއްޖޭގައި ސިވިލް ސަރވިސްގެ ޚިދުމަތް، ވަކި ޤާނޫނެއްގެ ދަށުން ދޭން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި ބާއްވާ ސިވިލް ސަރވިސްގެ 3 ވަނަ ކޮންފަރެންސްގެ ބައިވެރިންނަށް ހޫނު މަރުޙަބާއެއް ދަންނަވަން. ހަމައެއާއެކު، މި ފުރުޞަތުގައި ދިވެހި ސިވިލް ސަރވިސްގެ ޚިދުމަތުގައި ދެމިތިއްބެވި އެންމެހާ ސިވިލް ސަރވަންޓުންނަށާއި ނުވަތަ ޚިދުމަތްތެރިންނަށް އެ މަސައްކަތުގެ އަގުވަޒަންކޮށް، އެ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ދެންމެ ވިދާޅުވިފަދައިން، އަޅުގަނޑަކީވެސް ސިވިލް ސަރވިސް ކޮމިޝަނުގައި ކޮންމެވެސްވަރަކަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިފައިވާ މީހެއް. އެފަދަ މީހެއްގެ ހައިސިއްޔަތުން، މިފަދަ ބައްދަލުވުންތަކުން، ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިވެގެންދާ މިންވަރު ވަރަށް ރަނގަޅަށް އަޅުގަނޑަށް ވަޒަންކުރެވޭ. އަދި މި ކޮންފަރެންސް ބޭއްވުމަށްޓަކައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ކޮމިޝަނުގެ މެންބަރުންނާއި، ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، ކޮމިޝަނުގެ ރައީސަށާއި މެންބަރުންނަށް އަދި ކޮމިޝަނުގެ ހީވާގި މުވައްޒަފުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދިވެހި ސިވިލް ސަރވިސްއަކީ، ދައުލަތުގެ ފަރާތުން، ދިވެހިރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، 24 ހާހަށްވުރެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ނުވަތަ ސިވިލް ސަރވަންޓުން، މި ޚިދުމަތް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި ކޮންމެ ދުވަހަކު ހަރަކާތްތެރިވަމުންދޭ. އަޅުގަނޑުމެންފަދަ ކުދިކުދި ޖަޒީރާތަކަކުން އުފެދިފައިވާ ޤައުމެއްގައި، ރައްޔިތުން ބޭނުންވާ މިންވަރަށް، އަދި ރައްޔިތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދިނުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެއް. ކަން މިހެން އޮތުމާއެކު، ބަވަނަވަމުންމިދާ ދުނިޔޭގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ސިވިލް ސަރވިސްއިން އަބަދުވެސް މަސައްކަތް ކުރަންޖެހޭ. އަދި މިހާރުވެސް މަސައްކަތް ކުރަމުންގެންދާ ވާހަކަ، ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އޭގެ ޙަޤީޤަތް އަޅުގަނޑަށް ފެންނަނީ މިއަދު އަޅުގަނޑުގެ ކުރިމަތީގައި ދެވުނު އިނާމުތަކުން. އަޅުގަނޑު ހަމަ މި ނޭވާގައި އިމިގްރޭޝަންގެ އިސްބޭފުޅުންނަށާއި، އިމިގްރޭޝަންގެ މުވައްޒަފުންނަށް، ޓެކްނިކަލް ދާއިރާއިން ހޯއްދެވި ކާމިޔާބީއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ތަރައްޤީގެ މަގުގައި ފައިތިލަ ހަމަކޮށް، ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ކުރިޔަށް ދެވޭނީ، ޚިދުމަތުގެ ފެންވަރު ކެނޑިނޭޅި ތަރައްޤީ ކުރަމުން ގެންގޮސްގެން. އެފަދަ ކުރިއެރުމާއި ތަރައްޤީ، ސިވިލް ސަރވިސްގެ ޚިދުމަތަށް ގެނައުމަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކުރަންޖެހޭކަމީ ކުޑަވެސް ޝައްކެތްއޮތްކަމެއް ނޫން. ސިވިލް ސަރވިސްގެ އިންތިޒާމުތަކާއި، އެކަށައެޅިފައިވާ ނިޒާމުތައް ދިރާސާކުރުމާއެކު، އެކަންކަން މުރާޖާކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށް ގެންނަންޖެހޭ ބަދަލުތައް ދުވަހުން ދުވަހަށް ގެންނަންޖެހޭކަމީ ޔަގީނުންވެސް ކުރަންޖެހޭނެ ކަމެއް.

ސިވިލް ސަރވިސް ކޮމިޝަނުގެ ތަޞައްވުރަކީ، މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި، އާދެ، ރައީސްގެ ވާހަކަފުޅުގައިވެސް މި ވާހަކަ ވިދާޅުވެދެއްވައިފި. ޤާބިލު، ހުނަރުވެރި ސިވިލް ސަރވިސްއެއް އުފެއްދުން ކަމަށްވާއިރު، މި މަޤުޞަދުތައް ހާސިލުކުރުމަށް މިފަދަ ބައްދަލުވުންތަކުން މަގުކޮށިގެންދާނެކަމާމެދު ޝައްކެއްނެތް. ސިވިލް ސަރވަންޓުންނަކީ، ނަޒާހަތްތެރި، ރިވެތި އަޚުލާގެއްގެ މަތީގައި ތިބި، ޤާބިލު، ޢަޒުމް ވަރުގަދަ އަދި ވަގުތަށް ކަމޭހިތުމުގެ ފުރިހަމަ ސިފަ ލިބިގެންވާ ބަޔަކަށް ހެދުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތް ކާމިޔާބުވެގެންދާނީ، އެކަންކަމާމެދު ރޭވުންތަކެއް ރާވައި ހިންގައިގެން. މިއަދު ފެނިގެންދަނީ އޭގެ ބޮޅުތައް. އަދި ކޮމިޝަނުގެ އަމާޒު ކަމުގައިވާ، ޤައުމުގެ ތަރައްޤީއަށް އެއްބާރުލުން ދިނުމަށްޓަކައި، ނަޒާހަތްތެރިކަމާއި، ގަޑިއަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރާނެ އަދި ޝައުޤުވެރިވާ މުވައްޒަފުންތަކެއް ބިނާކުރެވޭނީވެސް މިފަދަ ހަރަކާތްތަކެއްގެ ތެރެއިންކަން ކަށަވަރު.

ސިވިލް ސަރވިސް އަށް ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް، އަޅުގަނޑު ތަކުރާރުކުރާކަށް ނެތިން. އެހެންނަމަވެސް، ބައެއް ވާހަކަ ދަންނަވާލާނަން. މި ގޮންޖެހުންތައް ދެނެގަނެ، ޢިލްމީ ޕްލެޓްފޯމެއްގައި އެ މައްސަލަތަކަށް ދިރާސީ ނަޒަރަކުން ބަލައި، ޙައްލު ހޯދައި، ކުރިމަގަށް އެންމެ އެކަށީގެންވާ ރޭވުންތަކެއް ރޭވުމަށް، މި ކޮންފަރެންސަކީ ވަރަށް މުހިންމު، ބޭނުންތެރި ކޮންފަރެންސެއް ކަމުގައި އަޅުގަނޑު ދެކެން. އަދި އަތޮޅުތެރެއިންނާއި، މާލޭގެ އެކިއެކި މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކުގެ ވެރިން، ނުވަތަ މުވައްޒަފުން އެއްތަނެއްގައި ތިބެ ގޮންޖެހުންތަކާއި، ދިމާވެފައިވާ ހުރަސްތަކާމެދު މަޝްވަރާކޮށް ޚިޔާލުބަދަލުކޮށްލާނެ ފުރުޞަތު، މި ކޮންފަރެންސްގެ ތެރެއިން ތަނަވަސްވެގެންދާކަމީ، މި ކޮންފަރެންސްގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ކޮންފަރެންސްގައި މައިގަނޑު 4 ތީމެއްގެ ދަށުން ތަފާތު 10 ދިރާސާ ކަރުދާހެއް ހުށަހަޅައި، މަޝްވަރާ ކުރުމަށް ހަމަޖެހިފައިވޭ. އެ ގޮތުން، ޚިދުމަތްދޭ އިދާރާގެ މަސައްކަތުގެ ފެންވަރު މަތިކުރުމާއި، މުވައްޒަފުންގެ ޤާބިލުކަމަށް ބަލައި، ވަޒީފާ ދިނުމާއި، ޑިޖިޓަލް ނުވަތަ ސްމާޓް ހިންގުމުގެ ނިޒާމެއް ޤާއިމުކުރުމާއި، މަސައްކަތު މާޙައުލު އިތުރަށް ހަރުދަނާކުރުން ހިމެނޭކަން ފާހަގަކުރަން.

މިއަދު ސިވިލް ސަރވިސްގެ ޚިދުމަތް ލިބިގަންނަ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އިވެމުންދާ ޝަކުވާއަކީ، އޮފީސްތަކުން ދެވޭ ޚިދުމަތް ލަސްވުމާއި، ފޯނަށް ޖަވާބު ނުދިނުމާއި، މުވައްޒަފުންގެ ފަރުވާކުޑަވުމުގެ މައްސަލަ. މިއަށްވުރެ އިތުރަށް މައްސަލަތައް ހުންނާނެކަން އެނގޭ. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލީ މި ތިން ކަންތައް. މި ހުރިހާ މައްސަލަތަކަކީވެސް ޙައްލު ހޯދަން ޖެހިފައިވާ ކަންތައްތައް. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމެއް، އާދެ، ސިވިލް ސަރވިސްގެ ރައީސްގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. ސިވިލް ސަރވިސް ޚިދުމަތް ތަޢާރުފުވުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން ޤާއިމުކޮށް ކުރިއަށް ގެންގޮސްފައިވޭ. އަދި މިހާރު އެ ނިޒާމު އިތުރަށް ފުރިހަމަކުރެވި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުން، އަހަރަކު އެއްފަހަރު ކުރިޔަށް ގެންދެވޭ. ހަމައެއާއެކު މަސައްކަތު ފެންވަރު ބެލުމަށްފަހު، ނަތީޖާއަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާ. ނަމަވެސް ހިތާމައަކީ، އަޅުގަނޑުމެން މި އެދޭފަދަ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ރޫޙުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކަން. ކަން މިހެން އޮތުމާއެކު، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެކަމާމެދު ދިރާސާ ކުރަންޖެހޭ! އަޅުގަނޑު ގަބޫލުކުރަނީ، މި ކޮންފަރެންސްގެ ތެރެއިން ތިޔަބޭފުޅުން މި މައްސަލައަށް ނުވަތަ މި މައްސަލަތަކަށް ޙައްލުތަކެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް.

އާދެ، ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެންމެ ބޮޑު އެއް އަސާސަކީ، ޚިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅުވުން. މަސައްކަތަށް އެކަށޭނަ، ހުނަރު ހުރި، އެންމެ ޤާބިލު ފަރާތަށް ވަޒީފާ ހަމަޖެހިގެންދިޔުން. އެހެންގޮތަކަށް ދަންނަވާނަމަ، "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން ޢައްޔަނު ކުރެވިގެން ދިޔުން. މިއީ މި ކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ މައިގަނޑު ތީމުތަކުގެ ތެރެއިން އެއް ތީމުކަންވެސް އަޅުގަނޑަށް އެނގިފައިވޭ.

ޝައްކެތްނެތް! ޤާބިލު، މަސައްކަތްކުރާހިތްވާ މުވައްޒަފުން ވަޒީފާއަށް ޢައްޔަނު ކުރެވިގެން ނޫނީ، މަސައްކަތުގެ ފެންވަރު ރަނގަޅެއް ނުކުރެވޭނެ. ތިމާގެ ޢާއިލާގެ މީހަކަށްވީމާ، ނުވަތަ ރައްޓެއްސަކަށްވީމާ، ވަޒީފާ ދިނުމުގައި އިސްކަން ދެވޭނެ އުސޫލެއް މިހާރު ހަމަޖެހިފައެއް ނޯވޭ. ސިވިލް ސަރވިސްގައި މުވައްޒަފުން ރެކްރޫޓް ކުރުމަށް މިވަގުތު ޢަމަލުކުރަމުންދާ "މެރިޓް ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމުގެ ބަދަލުގައި، އަޅުގަނޑަށް އެނގިފައި އޮތީ، މުސްތަޤްބަލުގައި މިކަހަލަ ނިޒާމަކަށް ބަދަލުވެގެންދާނެ ކަމަށް. ބަދަލުވެގެންދިޔުމަކީ، ސިވިލް ސަރވިސްގެ ޚިދުމަތަށް އެންމެ އެކަށޭނަ، ޤާބިލު މީހުން ނެގުމަށް ހުޅުވިގެންދާނެ ދޮރެއް. ނަމަވެސް މިކަމުގައި ގޮންޖެހުންތަކެއް ހުންނާނެކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަކު ތިޔަބޭފުޅުންގެ ފުރިހަމަ ވިސްނުމާއި ޚިޔާލާއެކު، މިއީ އަޅުގަނޑުމެންނަށް އަތްނުލެވޭނެ ގޯލެއް ނޫންކަން އަޅުގަނޑަށް ކަށަވަރު.

އާދެ، މިއަދުގެ ދުނިޔޭގައި ތަރައްގީވެފައިވާ ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެން ކޮންމެ ދިވެއްސަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ހިފައި، އޭގެ ވަސީލަތްތައް ލިބުމުގެ މަގު ފަހިވެފައިވާ ބައެއް. އޭގެ ކޮންމެވެސް ހެތްކެއްކަންނޭނގެ، އުރީދޫން މި ފަންކްޝަން ކޮންމެވެސްވަރަކަށް ސްޕޮންސަރ ކޮށްދެއްވުން. ބައެއް ޚިދުމަތް ތަރައްޤީ ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިފިނަމަ، އެތައް ގުނައެއް، އެ ޚިދުމަތެއް ތަރައްޤީވާނެކަމީ ކުޑަވެސް ޝައްކެތް އޮތްކަމެއް ނޫން. އޭގެ ސަބަބުން ޚަރަދުވެސް ކުޑަވެގެންދާނެ.

އާދެ، ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ އަޅުގަނޑުމެންގެ މި ކުޑަ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެންމެ ބޮޑަށް ބޭނުންކުރެވިދާނެ އެއްޗަކީ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، ޓެކޮނޮލޮޖީކަން ކަށަވަރު. ސިވިލް ސަރވިސްގެ ޚިދުމަތުގައިވެސް، އަޅުގަނޑުމެން ބޮޑަށް ބަލަންވީ، ޓެކްނޮލޮޖީގެ ބޭނުންހިފައި، ކަރުދާސް ވީހާވެސް މަދުކޮށް، ނުވަތަ ޕޭޕަރލެސް ނިޒާމަކުން އާންމު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް. ޚިދުމަތް ލިބިގަތުމަށް ރައްޔިތުން ފުރަންޖެހޭ ފޯމުތައް ފުރުމާއި، މަޢުލޫމާތު ބެލެހެއްޓުމާއި، މަޢުލޫމާތު ލިބިގަތުމުގެ ކަންތައްތައް ސޮފްޓްވެއަރތަކާއި، އެޕްލިކޭޝަންސްތައް ނުވަތަ އެޕްސް، އެކިއެކި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަސޭހައިން ދެވޭނެ ނިޒާމުތަކެއް ޤާއިމުކޮށްދިނުމަށް. ހަމަ ޔަގީނުންވެސް މި ކަންތައްތައް އަޅުގަނޑުމެންނަށް ކޮށްދެވިއްޖެނަމަ، ރައްޔިތުން އެކަން ބަލައިގަންނާނެ. އަދި އަޅުގަނޑުމެންނަށް އެފަރާތްތަކުގެ ތަޢުރީފުވެސް ވަރަށް ބޮޑަށް ލިބިގެންދާނެ.

އަޅުގަނޑު ކުޑަ ވާހަކައެއް ދަންނަވާލަން ބޭނުން. އަޅުގަނޑު މިދޭތެރެއިން ދުބާއީއަށް ކުރި ދަތުރެއް. ކޮމިޝަނުގެ ނައިބު ރައީސް ވަޑައިގެންނެވި ބައްދަލުވުމެއްގައި އަޅުގަނޑު ބައްވެރިވިން. ދުބާއީގައި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، ބައެއްކަހަލަ ޚިދުމަތް ލިބިގަތުމަށް އެއްގޮތަކަށްވެސް އޮފީސްތަކަށް ދާކަށްނުޖެހޭ. ހުރިހާ ޚިދުމަތެއް ލިބެން ހުންނަނީ ވެބްސައިޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން. އެހެންވީމާ، އާންމު ރައްޔިތުން އޮފީސްތަކުން ޚިދުމަތް ލިބިގަތުމުގައި ޚަރަދުތައް ވަރަށްކުޑަވެފައި އޮންނަނީ. މިހެން ދެންނެވި ކަމަށްވިޔަސް، ކޮންމެވެސްވަރަކަށް ޚަރަދުދާނެކަންނޭނގެ. އެހެންނަމަވެސް، ޖުމުލަގޮތެއްގައި ދަންނަވަން މިއުޅޭ ވާހަކައަކީ، ޚިދުމަތް ހޯދަން ދުބާއީގެ އޮފީސްތަކަށް ރައްޔިތުންނެއް ނުދެއޭ. ބައެއްކަހަލަ އާންމު ޚިދުމަތްތައް ހޯދަން އެޕްސް ނުވަތަ އެޕްލިކޭޝަން ބޭނުންކޮށްގެން އެކަން ކުރަނީ.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މި ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލާނަމޭ. އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެންގެ ސިވިލް ސަރވިސް ސަރވިސް ކޮމިޝަނުން މަސައްކަތް ކޮށްގެން މި ލެވެލަށް ގެންދަންވީ ވާހަކަ. އަޅުގަނޑުމެންގެ ރަށްތަކަކީ ވަރަށް ދުރުގައި ހުންނަ ރަށްތަކެއް. ޖޯގްރަފީއަށް ބަލާކަމަށްވަންޏާ، ކަނޑު ހުރަސްކޮށްގެންދާ ބަޔަކަށްވާތީ، އަޅުގަނޑަށް ގަބޫލުކުރެވެނީ، މިގޮތަށް ކަންތައްތައް ކުރެވިއްޖެ ކަމަށްވަންޏާ، ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށް. މިހާރުވެސް މަސައްކަތް ކުރަމުންދާކަމެއް. އަޅުގަނޑު ހިތަށްއެރީ މި ވާހަކަ ތިޔަބޭފުޅުންނާ ޝެއަރ ކޮށްލާނަމޭ.

ރާއްޖޭގެ މާޙައުލަށް ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކުގެ އަސަރު، ސިވިލް ސަރވިސްގެ ތެރެއިންވެސް ދަނީ ފެންނަމުން. ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެ ވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭން ތިބި ބައެއް. ސަރުކާރުން ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމަށް ހުރަސްއަޅާ ބައެއް ނޫން. ކޮންމެ ސިވިލް ސަރވިސް މުވައްޒަފެއްވެސް ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، ތިމާއަށް ލިބިފައިވާ ވަޒީފާއަކީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ލިބިފައިވާ ވަޒީފާއެއްކަން. އަދި ތިމާގެ މުސާރަ ދެނީ ރައްޔިތުންގެ ލާރިންކަން. ވުމާއެކު، ކޮންމެފަދަ ވިސްނުމެއްގެ ރައްޔިތަކަށްވެސް، ސަރުކާރުން ދޭންޖެހޭ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެންގެ އޮފީސްތަކުގެ ތެރޭގައިވެސް، ބައެއްފަހަރު ހުންނަ ޕޮލިޓިކަލް ވިސްނުމެއްގެ ސަބަބުން މަސައްކަތަށް، އޭގެ ނޭދެވޭ އަސަރު ފެންނަ ބައެއް މުވައްޒަފުން އުޅޭކަން ހިތާމައާއެކު ފާހަގަކޮށްލަން.

ތަފާތު ވިސްނުމުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބޭނެކަން އަޅުގަނޑު ގަބޫލުކުރާހިނދު، ޤައުމަށްޓަކައި، ނޫނީ ރައްޔިތުންނަށްޓަކައި އޮފީސްތަކުން ދެވޭ ޚިދުމަތަކަށް އޭގެ އަސަރު ފޯރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން. އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާޙައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭ. އެ މުވައްޒަފުންގެ އެޓިޓިއުޑާއި ސުލޫކު، ގަވާއިދުން މޮނިޓަރކޮށް އިޞްލާޙުކުރަން މަސައްކަތް ކުރަންޖެހޭނެ. ރައީސުލްޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ވެރިން ނުވަތަ އޮފީސްތަކުގެ ވެރިންނާމެދު، ސާބިތު ނުހިފޭފަދަ ދޮގު ވާހަކަތައް އޮފީސްތަކުގައްޔާއި، މަލްޓިމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް ފާޅުކުރާ ބަޔަކަށް ސިވިލް ސަރވަންޓުން ވެގެންނުވާނެ. އޮފީހުގެ މާޙައުލުގައި ހިނގާ ކަންތައްތަކަށް އޮފީސްތެރެއިން ޙައްލު ހޯދެންޖެހޭނެ. އެއީ، އާންމު ފޯރަމްތަކުގައި ހިއްސާކުރެވޭ ކަންތައްތަކަށް ވެގެން ނުވާނެ.

މިގޮތުން ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ މާޙައުލު ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރިކަން އަޅުގަނޑުވެސް ފާހަގަކުރަން. އަޅުގަނޑު އެދެނީ މި ކޮންފަރެންސްގައި މި ކަންތައްތަކާމެދު މަޝްވަރާކޮށް، އަޅުގަނޑުމެންގެ ސިވިލް ސަރވިސްއަކީ މިހާރަށްވުރެ ހަރުދަނާ ޚިދުމަތަކަށް ހެދުން. އަދި ސިވިލް ސަރވިސްގެ މަސައްކަތު މާޙައުލަކީ އުފެއްދުންތެރި، ރައްޔިތުން ބަލައިގަންނަ ފަދަ މާޙައުލަކަށް ހެދުން.

ސިވިލް ސަރވިސްގެ ޚިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ، އެ މުވައްޒަފުންގެ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމުގައި ވުމާއެކު، އެކަމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް. ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް އިތުރުކުރަމުން ގެންދަނީވެސް، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން.

ސިވިލް ސަރވިސް ކޮމިޝަނުން އިންތިޒާމުކޮށްގެން، ސިވިލް ސަރވިސް އިދާރާތަކަށް ހުޅުވައިލެވިގެން ދެއްވަމުން ގެންދަވާ އަދި މި ޖަލްސާގައި ދެއްވި އީޖާދީ އިނާމަކީ އަޅުގަނޑު ދެކޭގޮތުން އޭގެ ފައިދާ، މަސައްކަތުގެ މާޙައުލަށް ވަރަށްބޮޑަށް ކުރާނެ ކަމެއް. އޮފީސްތަކުން އެކިއެކި ދާއިރާތަކުން ދެވޭ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރުމަށް އޮފީސްތަކުންނާއި މުވައްޒަފުން އިސްވެ ތިބެ، ހިންގާ މިފަދަ ޕްރޮޖެކްޓްތަކުގެ އަގުވަޒަންކުރުން ވަރަށް މުހިންމު ކަމަށް، ކުރިން ރައީސްގެ ވާހަކަފުޅުގައި ގެންނަވައިފި. އަޅުގަނޑުވެސް މި ވާހަކަ ހަމަ ތަކުރާރުކޮށްލަން.

މިއަހަރު އެކި ކެޓެގަރީތަކުން [އީޖާދީ އިނާމު]ގެ 7 އެވޯޑެއް ހޯއްދެވި 5 އިދާރާގެ ވެރިންނާއި، އެކަމުގައި ޝާމިލުވި އެންމެހާ މުވައްޒަފުންނަށް އަޅުގަނޑު ހޫނު މަރުޙަބާއެއް ދަންނަވަން. އަޅުގަނޑު ގަބޫލުކުރަނީ އިނާމު ލިބުމުން، އެހިސާބުން ނިމުނީކީ ނޫންކަމަށް. ކުރިއަށް އޮތް ތާނގައި އިތުރު އިނާމެއް ހޯދުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭނެ ކަމެއް. އަދި ކުރިމަގުގައި ސިވިލް ސަރވިސްގެ އެހެން އިދާރާތަކުންވެސް މި އެވޯޑު ހޯއްދެވުމަށް، ދުރާލައި ރާވައިގެން މަސައްކަތްތަކެއް ކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ކުޑަވެސް ޝައްކެތްނެތް. އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަމުންމިދާ ތަރައްޤީގެ މޭސްތިރިއަކީ، އަޅުގަނޑުމެންގެ ނަވުގެ ހުންގާނުގައި މިއަދު ހުންނެވި އަޅުގަނޑުމެންގެ ލޮބުވެތި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. އެ މަނިކުފާނު ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށްޓަކައި، މިފަދަ ޖަލްސާއެއްގައި އެކަން ފާހަގަކޮށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން. އެހެންކަމުން، މި ފުރުޞަތުގައި އެ މަނިކުފާނަށް ތިޔަބޭފުޅުންގެ ނަންފުޅުގައި އަދި އަޅުގަނޑުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވާ އެންމެހާ މިނިސްޓަރުންނާއި، ސަރުކާރުގެ އެހެނިހެން ވެރިންނަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ، ސިވިލް ސަރވިސް ކޮމިޝަނުން، ސިވިލް ސަރވިސްގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، ކޮމިޝަނުގެ ރައީސް ޑޮކްޓަރ އަލީ ޝަމީމަށާއި، ނައިބުރައީސް ޝަހީދު މުހައްމަދު އަދި ކޮމިޝަނުގެ އެހެން މެންބަރުންނަށާއި، ކޮމިޝަނުގެ ހީވާގި މުވައްޒަފުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުން ތިޔަ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ޖުމުލަ ގޮތެއްގައި ފާހަގަކޮށް، ތިޔަ މުވައްޒަފުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމުން. އަދި އަޅުގަނޑާ ދޭތެރޭގައި ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ކޮމިޝަނުގެ ރައީސަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑަކީ އަބަދުވެސް ދުރުގައި ހުއްޓަސް އަޅުގަނޑު ގަބޫލުކުރަނީ ސިވިލް ސަރވިސްގެ މެންބަރެއް ކަމަށް.
 

ޝުކުރިއްޔާ!


والسّلام عليــكم ورحـمــة اللّـه وبـركاتـه.