ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ޤަމަރު ޖާވިދު ބަޖްވާއަށް މަރުޙަބާ ވިދާޅުވެ، ޕާކިސްތާންގެ ރައީސް މަމްނޫން ޙުސައިނަށާއި، ބޮޑުވަޒީރު ޝާހިދު ޚަޤާން ޢައްބާސީއަށް، ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކުރިއަށްއޮތްތާނގައިވެސް ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެ، ބައިނަލްއަޤުވާމީ މަޝްރަހުން ދެޤައުމަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ރަހުމަތްތެރިކަން އެކިދާއިރާތަކުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅުދައްކަވަމުން ޗީފް އޮފް އަރމީ ސްޓާފުގެ މި ދަތުރުފުޅަކީ ފައިދާހުރި ކާމިޔާބު ދަތުރުފުޅަކަށް ވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ، ޕާކިސްތާނުގެ ރާއީސާއި ބޮޑުވަޒީރުގެ ފާރާތްޕުޅުން ދިވެހި ސަރުކާރަށާ ރައްޔިތުންނަށް ފޮނުއްވި ހެޔޮއެދުންތައް ރައްދުކޮށްދެއްވިއެވެ.

ޕާކިސްތާނާ ދިވެހިރާއްޖެއަކީ މުސްލިމް އަޚުވަންތަ ދެޤައުމު ކަމުގައި ވިދާޅުވެ ކުރިއަށް އޮތް ތާނގައި މިގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާކިސްތާންގެ ޗީފް އޮފް އަރމީ ސްޓާފްގެ އަރިހުގައި ދިވެހިރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ވަސީމް އަކްރަމް ޕީ.އެސް (ސީ) އާއި ޗީފް އޮފް އަރމީ ސްޓާފް ބްރިގޭޑިއަރ އިފްޚާރު ޙަސަން ޗަހުހާދަރީ އަދި ޕާކިސްތާންގެ ޑިފެންސް އެޑްވައިޒަރ، ކާނަލް ސައްޖާދު ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.