ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނަށާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚަޤާން ޢައްބާސީއަށާއި، ޕާކިސްތާނުގެ ސަރުކާރަށް އަދި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ދެޤައުމުގައި ހުރި އެއްގޮތް މައްސަލަތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ވަނީ އެޤައުމުގެ ރައީސާއި، ބޮޑުވަޒީރުގެ ހެޔޮއެދުމާއި ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައްދުކުރައްވާފައެވެ. ޕާކިސްތާނުގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެ، ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަށް ކުރިމަތިވާ ކަންތައްތަކުގައި އެހީވުމަށް އެޤައުމު އޮތީ ތައްޔާރަށްކަން ޕާކިސްތާނުގެ ސަފީރު ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާދަމް ޝަރީފާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.