ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ބޭރުގެ މީޑިޔާއާ މަޢުލޫމާތު ހިއްސާ ކުރައްވައިފިއެވެ.

ދެ ސެޝަނަކަށް ބޭއްވެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މަޢުލޫމާތު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީއާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްދު ސަޢީދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުންނާއި، ސަރުކާރުން އިސްނަންގަވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ގޮތުން ވަރަށް ތަފުސީލު މަޢުލޫމާތު ހިއްސާ ކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އެކިއެކި ދާއިރާތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައިދެއްވިއެވެ. އަދި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ސަރުކާރުގެ ފަރާތުން ޖަވާބު ދެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، ބޭރުގެ 10 މީޑިޔާއެއްގެ ނޫސްވެރިން ބައިވެރިވިއެވެ.