بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ޢިއްޒަތްތެރިން؛

السّلام عليــكم ورحـمــة اللّـه وبـركاتـه.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި، މިނިސްޓަރ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، ކުރުކޮށް ދަންނަވާ ކަމަށްވަންޏާ ނީއަށާއި، ރާއްޖޭގެ އެންމެހައި ލޮބުވެތި އަންހެން ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުން. މި ތަހުނިޔާގައި އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކާއި، ޖަމްޢިއްޔާތަކާއި، ޖަމާޢަތްތައްވެސް އަޅުގަނޑު ޝާމިލުކުރަން.

އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މިއަހަރު ރެހެންދި އެވޯޑު ހާސިލު ކުރެއްވި 3 އަންހެން ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މަރުޙަބާ ދަންނަވަން.

ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯ ޕްރެޒެންޓޭޝަންތަކުން، އެބޭފުޅުން އެ ކުރައްވާ މަސައްކަތްތައް ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ. އެ ބޭފުޅުންނަކީ، އެ ބޭފުޅުންގެ ރޮނގުން ދިގު މުއްދަތެއްގައި ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިތިއްބެވި ބޭފުޅުން. އެހެންކަމުން، މިއަދު ތިޔަ ހާސިލު ކުރެއްވި އެވޯޑުން އިތުރަށް ހިތްވަރު ލިބިވަޑައިގެން، ތިޔަ ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ކުރެއްވުމުގައި ސާބިތުކަމާއެކު ދެމިތިއްބެވުމަށް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ވަރަށް އިޚުލާޞްތެރިކަމާއެކު އެދެން.

އަންހެނުންގެ ދުވަސް ބައިނަލްއަޤްވާމީ ގޮތުން މި ފާހަގަކުރަނީ ވަރަށް މުހިއްމު ސަބަބުތަކަކަށްޓަކައި. އާދެ، އެ ސަބަބުތަކުގެ ތެރޭގައި، އާދެ، މިނިސްޓަރ ކުރިން ވިދާޅުވި ފަދައިން، އަންހެނުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، އަންހެނުން، އެބައިމީހުންގެ އުފެއްދުންތެރިކަމަށާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރުން ހިމެނޭ.

ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެ ޤައުމީ ތަރައްޤީގައި އެކިރޮނގުރޮނގުން މުހިއްމު ދައުރެއް އަދާކުރަމުންގެންދާ ބައެއް. އަންހެނުންނަކީ ޢާއިލާގެ ތެރެއިން ފެށިގެން ރަށު ފެންވަރުގަޔާއި، އަދި އަތޮޅު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި، ޤައުމު ބިނާކުރުމުގައި އެކި ރޮނގުރޮނގުން އަގުހުރި މަސައްކަތްތަކެއް ކުރަމުންގެންދާ ހިވާގި އަދި އެހާމެ ޒިންމާދާރު ބައެއް. އިޤްތިޞާދީ މަސައްކަތްތަކުން ފެށިގެން، އިޖްތިމާޢީ ޙަރަކާތްތަކާ ހަމައަށް ރާއްޖޭގެ އަންހެނުން އަދާކޮށްފައިވާ ދައުރު، ތާރީޚުގެ އެކި ސަފުހާތަކުން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. މިއަދު ސިޔާސީ މައިދާނުގައި އަންހެނުން އަދާކުރަމުންގެންދާ ދައުރަކީވެސް އުފަލާއެކު އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ދައުރެއް.

މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން؛

އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ، އަޅުގަނޑުގެ މަޢުލޫމާތު ދޮގަކަށްނުވާކަމަށްވަންޏާ، 49 އިންސައްތަ. މިހެންވީއިރު، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި. އަންހެނުންގެ ފުރިހަމަ ހިއްސާ، ޤައުމީ ތަރައްޤީގައި އޮތުމަކީ، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއްކަން ޔަޤީން. އެހެންކަމުން އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތަކީ، މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ސަރުކާރުގެ މުހިންމު އެއް ސިޔާސަތު. އަންހެނުންނަށް ފުރުޞަތުތަކަށް ވާސިލުވުމުގަޔާއި، ލިބިދޭ ފުރުޞަތުތަކުން ހަމަހަމަގޮތެއްގައި ނަތީޖާ ހާސިލުކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު، ޤާނޫނުތަކުގެ ތެރެއިން މިއަދު މިވަނީ ފޯރުކޮށްދެވިފައި. އަދި މިކަމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި، ބޭނުންވާ ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުޞަތުވެސް މިވަނީ ހޯދައިދެވިފައި. އެހެންކަމުން، މި ފުރުޞަތުގައި، ރާއްޖޭގެ އަންހެނުންގެ ތަރައްޤީއާއި ކުރިއެރުވުމަށްޓަކައި އަދި ވަޒީފާ އަދާކުރާ އަންހެނުންނަށް ލުއިގޮތްތައް ހޯއްދަވައިދެއްވުމަށް މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޮށްދެއްވަމުން ގެންދަވާ އިޚުލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރަމުން، އެމަނިކުފާނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރާއްޖޭގެ އަންހެނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކުރެވެމުން ދިޔަނަމަވެސް، މުހިއްމު ބައެއް ދާއިރާތަކުގައި، އަންހެނުންގެ ހިއްސާއާއި ދައުރު ކުޑަކަން ފާހަގަކުރެވޭ. އެހެންކަމުން، އަންހެނުންނަށް އެކި ދާއިރާތަކުން ކުރިޔަށް ދިޔުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންތައްތައް ޙައްލު ކުރެވޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައި މި ސަރުކާރުން މިވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައި! އާދެ! 2015 ވަނަ އަހަރު ވުޖޫދުވެގެން އައި ޖެންޑަރ އީކުއަލިޓީ، އާދެ، މިނިސްޓަރުވެސް ފާހަގަކޮށްދެއްވައިފި. ޖެންޑަރ އީކުއަލިޓީ ޤާނޫނަކީ، ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ހަމައެއާއެކު، މި ޤާނޫނާ ގުޅުންހުރި އެހެން ޤާނޫނުތަކަށް ގެނެވުނު އިޞްލާޙުތަކާއެކު އަންހެނުންނަށް މިހާތަނަށް ދިމާވެފައިހުރި ގޮންޖެހުންތަކުން އަރައިގަނެވޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތައް ބަދަލުވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްވަރަކަށް މިއަދު ބޭނުންވާކަން އަޅުގަނޑުމެންގެ ކޮންމެ ޢާއިލާއަކަށް މިދަނީ ތަޖުރިބާ ކުރެވެމުން. އެހެންކަމުން، މުޖުތަމަޢުގައި އަންހެނުން އަދި ފިރިހެނުން ޒަމާނުއްސުރެ އަދާކުރަމުންއައި ދައުރުތަކަށް މިއަދު މިވަނީ ބަދަލު އަންނަން ޖެހިފައި. އާދެ، އަޅުގަނޑުމެންގެ ކުރިމަތީގައި މިކަން ވަރަށް ޤާބިލުކަމާއެކު ދަނީ ފެންނަމުން. ވިސްނުމަށް މި ބަދަލު ގެނެވޭނީ ގޭތެރެއިން ފެށިގެން، ސްކޫލްތަކުގެ ތެރެއިން. ހަމައެއާއެކު، ސީދާގޮތުންނާއި ނުސީދާގޮތުން ދަސްކޮށްދެވެމުންމިދާ ވަކި ޖިންސެއްގެ މީހުންނަށް ކުރެވޭނީ ވަކި ކަހަލަ މަސައްކަތެއްކަން ވިސްނޭގޮތަށް ބައްޓަން ކުރެވިފައި ހުރި އާދަތަކަށް ބަދަލު ގެންނަންޖެހޭ. އާދެ، އިނގިރޭސި ބަހުން ދަންނަވާ ކަމަށްވަންޏާ ސްޓީރިއޯ ޓައިޕް، އަޅުގަނޑުމެން ބަދަލުގެންނަންޖެހޭ. އެހެންވީމާ، އަންހެނަކަށްވިޔަސް އަދި ފިރިހެނަކަށްވިޔަސް ކޮންމެ މަސައްކަތެއްވެސް ކުރާނެ ގޮތުގެ ހުނަރާއި ތަމްރީނު އަދި އެކަމާ ގުޅޭ ތައުލީމު ލިބިއްޖެ ކަމުގައިވާނަމަ، އެއީ ކުރަން އުނދަގޫ މަސައްކަތެއް ނޫންކަން އަޅުގަޑުމެންގެ ޒުވާން ޖީލުތަކަށް އެބަ ވިސްނައިދެވެންޖެހޭ. އަދި ޒުވާން ޖީލަށް މި ވިސްނުން ވިސްނައިދޭއިރު، ވަޒީފާ ދޭ ފަރާތްތަކާއި، ބެލެނިވެރިންނާއި އަދި ޓީޗަރުންވެސް މިކަން ގަބޫލުކުރައްވައި، ކޮންމެ ކުއްޖަކަށްވެސް އެއީ، އަންހެން ކުއްޖެއްވިޔަސް، އަދި ފިރހެން ކުއްޖެއް ކަމުގައިވިޔަސް، އެ ކުއްޖަކު ބޭނުންވާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކޮށްދީ، އެ ފުރުޞަތު ދެއްވުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަން.

އެންމެހައި ޢިއްޒަތްތެރި ޖަލީސުން؛

ތަޢުލީމީގޮތުން އެންމެ މަތީ ހަރުފަތާ ހަމަޔަށް ވާސިލުވުމުގެ ފުރުޞަތު އަންހެނުންނަށް މިއަދު މިވަނީ ލިބިދެވިފައި. އަންހެނުންނަށް ހަމަހަމަގޮތެއްގައި ތަޢުލީމުގެ ފުރުޞަތު ފޯރުކޮށްދީ، އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތަކީ ސަރުކާރުގެ މުހިންމު އެއް އަމާޒު. އަންހެން ކުއްޖެއްގެ ތައުލީމަށް ކުރެވޭ އިންވެސްޓްމަންޓަކީ، މުޅި ޤައުމު ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްކަން ޔަޤީން. ތިޔައިން އެއްވެސް ބޭފުޅަކު މިކަމާ ދެކޮޅުނުވާނެކަން ޔަޤީން. މުޅި ޤައުމު ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއްކަން ޔަޤީން. އަޅުގަނޑުމެންނަށް މިކަމުގެ ހެޔޮ ބަދަލު ފެނިގެންދާނީ، ވަޒީފާގެ މާޙައުލުންނާއި، އިޤްތިޞާދީ އެހެނިހެން ދާއިރާތަކުންނާއި އަދި އިޖުތިމާޢީ ދާއިރާތަކަށް ނަޒަރު ހިންގައިލުމުން. ހުޅުވިފައިވާ ހަމަހަމަ ފުރުޞަތުތަކެއްގެ ތެރެއިން ޕްރައިމަރީ ތަޢުލީމާއި، ސާނަވީ ތަޢުލީމު ހާސިލުކޮށް، މަތީ ތަޢުލީމާ ހަމަޔަށް ދަތުރުކޮށް، ރަނގަޅު ނަތީޖާ ހޯދާ އަންހެންކުދިންގެ ޢަދަދު މިވަނީ ނިސްބަތުން އިތުރުވެފައި. ވަޒީފާގެ މާޙައުލަށް ނުކުންނަން ތައްޔާރުވާ ކުދިންގެ އަދަދު މިވަނީ ނިސްބަތުން އިތުރުވެފައި. އަޅުގަނޑުމެންގެ މިފަހަރުވެސް އޭ ލެވެލް އެންމެ ރަނގަޅު ނަތީޖާ ހޯދި ކުދިންނަކީ 3 އަންހެން ދަރިވަރުން. ވަޒީފާ މާޙައުލަށް ނުކުންނަން ތައްޔާރުވާ ކުދިންގެ އަދަދު އިތުރުވެ، އަންހެނުންނަށް ވަޒީފާގައި ދެމިތިބުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ މުހިންމުކަން މިއަދު މިވަނީ އިތުރުވެގެން ގޮސްފައި.

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއްގެ ޙައްލު ގުޅިފައި މިވަނީ އިޤްތިޞާދީ ފުދުންތެރިކަމާކަމަށްވީހިނދު، އަންހެނުންނަށް ދިމާވާ ނުވަތަ ދިމާވެފައިވާ ގިނަގުނަ މައްސަލަތަކެއްގެ ޙައްލުވެސް ގުޅިފައި މިވަނީ އަންހެނުންގެ އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ހުރި މިންވަރެއްގެ މައްޗަށް. މިއީ ޙަޤީގަތެއް. އެހެންކަމުން، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން މިވަނީ އިޤްތިޞާދީ މަސައްކަތްތަކުގައި އަންހެނުންނަށް ހަރަކާތްތެރިވެވޭނެގޮތަށް އަންހެނުންނަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި. ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ ކުރެވިގެން އަންހެނުންނަށް ލޯނު ސްކީމްތައް ތަޢާރަފްކުރެވި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ގިނަ ފުރުޞަތުތަކެއް މިވަނީ ފަހިކޮށްދެވިފައި. އާދެ، އަޅުގަނޑުމެންގެ ކުރިމަތީގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްވެސް އެބަ އިންނެވި. އެމަނިކުފާނު މިކަމުގައި އަޅުގަނޑުމެން އެންމެންނާ އެއްބަސްވެވަޑައިގަންނަވާނެ. އެހެންކަމުން، ތަޢުލީމީ ހަރުފަތްތައް ނިންމާ ކުދިން، ހުޅުވިފައި ހުރި މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި، އުފެއްދުންތެރި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް މި ފުރުޞަތުގައި އަޅުގަނޑު ނަސޭހަތްތެރިވަން.

ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރެއިން އެއްކަމެއް. އަޅުގަޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަންހެނުންނާއި ފިރިހެނުން، ދިރިއުޅުމުގައި ކުރާ ތަޖުރިބާތައް ތަފާތުކަން. އެހެންކަމުން، އަންހެނުންނާއި ފިރިހެނުންގެ ބޭނުންތަކާއި ވިސްނުންތަކަށް ރިޢާޔަތްކޮށް ނިންމާ ނިންމުންތަކަކީ، ދެ ޖިންސަށް ހަމަހަމަ ފައިދާ ކުރާނެގޮތަށް ނިންމޭ ނިންމުންތަކަކަށް ވާންޖެހޭނެ. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ އަދަދު މަދުކަމުގައިވާނަމަ، އިންސާފުވެރި ނިންމުން ނިންމުމުގައި ގޮންޖެހުންތައް ހުންނާނެކަން ޔަޤީން. ސަރުކާރުން މިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން ނަތީޖާތަކެއް ނެރުމަށް މަގުފަހިވާނެ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން.

އެގޮތުން، އާދެ، މިނިސްޓަރުވެސް ވިދާޅުވިފަދައިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގައި އަންހެނުން ހިއްސާވާ ނިސްބަތް މިއަދު މިދަނީ އިތުރުވަމުން. އެހެންކަމުން، ވަޒީފާގެ މާޙައުލުގައި އަންހެނުންނަށް ފަހި ފުރުޞަތުތަކެއް ޤާއިމުކޮށްދެއްވައި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނާއި ފިރިހެނުންގެ ބައިވެރިވުން ހަމަހަމަކުރެއްވުމަށް ބާރުއަޅުއްވައި މަސައްކަތް ކޮށްދެއްވުމަށް، ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން.

ރާއްޖޭގެ ސިޔާސީ ދާއިރާއަށް ބަލާއިރު، ސިޔާސީ ދާއިރާގެ އިސް ސަފުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އަޅުގަނޑު ފާހަގަކުރަން. ޤައުމީ ސިޔާސަތުތައް އެކުލަވައިލުމުގައި އަންހެނުންގެ ބައިވެރިވުން ފުރިހަމަޔަށް ލިބުމަކީ މުހިންމު ކަމެއް ކަމަށް ވީހިނދު، އަންހެނުންނަށް ޚާއްޞަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ސިޔާސީ ޕާޓީތަކުންނާއި، މި ދާއިރާގައި މަސައްކަތް ކުރަމުންގެންދާ އެންމެހާ ފަރާތްތަކުން މިހާރަށްވުރެ އިތުރަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އަޅުގަނޑު ދެކެން.

ރާއްޖޭގައި މިއަދު އަންހެނުން، ތަފާތު އެކި މަސައްކަތްތައް ކުރަމުން ގެންދާއިރު، އެ މަސައްކަތަކުން އެ ލިބޭ މަންފާ ނުވަތަ ފައިދާއާ ދޭތެރޭގައި ވިސްނައި، އެ ކުރާ މަސައްކަތުން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް. އަންހެނުންވެސް އެކުރާ މަސައްކަތަކުން އަމިއްލަ ފައިމައްޗަށް ތެދުވެ، އެހެން ބަޔަކަށް ބަރޯސާނުވެ، އެ މަސައްކަތެއް ކުރަމުން ގެންދިޔުމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އިތުރަށް ވަރުގަދަކުރުމަކީވެސް މި ދެންނެވި އެކި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަންހެން ބޭފުޅުން މިއަދު ވިސްނާވަޑައިގަންނަވަންޖެހޭ ކަމެއް. ދިރިއުޅުމުގައި ތަފާތު ހުރަސްތަކާއި ގޮންޖެހުންތަކާ ކުރިމަތިވާއިރު، އެފަދަ ކަންކަމަށް ކެރިގެން ކުރިމަތިލައި، ހިތްވަރާއި ސާބިތުކަމާއެކު، އެކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރެވޭނީ، ކުރިން މި ދެންނެވި އަމާޒަށް މަސައްކަތް ކޮށްގެން. މިކަން އަބަދުވެސް ހަނދާން ބަހައްޓަވަން ޖެހޭނެ. އެފަދަ އަންހެން ބޭފުޅުން މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި، ދަންނަވާނީ މިތާނގައިވެސް އެބަ ތިއްބެވިއޭ. އަދި އަޅުގަނޑުގެ އުންމީދަކީ، އެފަދަ ބޭފުޅުންގެ އަދަދު މިހާރަށްވުރެ ބޮޑުތަނުން އިތުރުވެގެން ދިޔުން.

އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ މިހާރުގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ މުޅި މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ޒިންމާއެއްކަމުގައި ހަދަންޖެހޭ. އަންހެނުންނަކީ، އާދެ، މިނިސްޓަރުވެސް ވިދާޅުވިފަދައިން، އަނިޔާގެ ޝިކާރަޔަކަށްވާ ބައެއްކަމުގައި ވެގެނެއް ނުވާނެ. އަންހެނުންނަށް ދެވޭ އަނިޔާއަކީ، ދަރިފަސްކޮޅަކަށް، މުޅި މުޖުތަމަޢަށް ދެވޭ އަނިޔާއެއް. އެއީ ފޫނުބެއްދޭނެ ގެއްލުމެއް. އެހެންކަމުން، ޢާއިލީ ގުޅުންތައް ވަރުގަދަކޮށް. އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ޢާއިލާގެ ކޮންމެ ފަރުދެއްގެ ޒިންމާޔަކަށް މިއަދު ހަދަން އެބަޖެހޭ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހުރި ނުރަނގަޅު އާދަތަށް ނައްތާލައި، ލޯތްބާއި، އަޅާލުމާއި އެހީތެރިކަން، އެއްބަޔަކު އަނެއްބަޔަކަށް ފޯރުކޮށްދޭ ބަޔަކަށް ވާންޖެހޭ. މިއީ އެންމެ ފުރަތަމަ ޢާއިލާގެ ތެރެއިން ފެށިގެން އަންނަންޖެހޭ ކަމެއް. ދުޅަހެޔޮ ޢާއިލާޔަކުން ނޫނީ ދުޅަހެޔޮ މުޖުތަމަޢެއް އުފަން ނުވާނެކަން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް.

މިއަދު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަމުންދާއިރު، އަންހެނުންނަކީ، ޤައުމުގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ބައެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ. އަންހެނުންގެ ބައިވެރިވުމަކާނުލައި، ޤައުމު ތަރައްޤީގެ މަގުގައި ކުރިއަށް ނުގެންދެވޭނެކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭނެ. އަދި މުޖުތަމަޢުގައި އަންހެނުންނަށް ދޭންޖެހޭ ފުރިހަމަ އިޙުތިރާމާއި ޤަދަރު ދިނުމަކީ، ތަހުޒީބުގެ މަގުގައި ޤައުމު ކުރިއަށް ގެންދިޔުމަށް ނުހަނު ބޭނުންތެރިކަމެއްކަން އަޅުގަނޑުމެން ދަންނަންޖެހޭނެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ އެއް ބޭނުމަކީ، ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް އިންސާނިއްޔަތުގެ އެއްބައިކަން ހަނދާނަށް ގެނައުން. ދިރިއުޅުމުގެ އެކި ކަންކަމުގަޔާއި، ވަޒީފާގެ މައިދާނުގަޔާއި، މި ނޫންވެސް ތަފާތު އެކި ވެށީގައި، ފިރިހެނުންގެ އަޑާ އެއްވަރަށް އަންހެނުންގެ އަޑުވެސް އަހަންޖެހޭނެކަން ހަނދާނަށް ގެނައުން. އަންހެނުންނަކީވެސް ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލާފައިވާ އަދި އުފުލަމުންދާ އަދި އުފުލޭނެ ބައެއްކަންވެސް ދެނެގަތުން. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ، ބައެއް ޤައުމުތަކުގައި، މިސާލަކަށް، ސްވިޑްން، އައިސްލޭންޑް އަދި ފިންލޭންޑް ފަދަ ދުނިޔޭގެ ތަހުޒީބީ ޤައުމުތަކުގައި ގެންގުޅޭ މައިގަނޑު އުސޫލު. އާދެ، އެތަންތާނގެ އާދަޔާ ޚިލާފު ތަރައްޤީގެ ސިއްރަކީ، މި ސިޔާސަތު ކަމަށް ވެދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މިއަހަރުގެ އިންޓަރނޭޝަނަލް ވިމެންސް ޑޭގެ ޝިޢާރަކީ، ''Press for Progress''. އަޅުގަނޑުމެން ހުރިހާ ބޭފުޅުންވެސް، އަންހެން ބޭފުޅުން ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވޭނެ ކަންތައްތަކާ ދޭތެރޭގައި ވިސްނައި، އެކަމަށް ޕްރެސް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުގެ މި ވާހަކަކޮޅުގައި އަޅުގަނޑު ޕްރެސް ކޮށްފައި ހުންނާނެ ބައެއް ވާހަކަތައް. އެހެންވީމާ، އެ ވާހަކަތައް ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ހުރިހާ ބޭފުޅުން ހަނދުމަފުޅު ބެހެއްޓެވުން އެދެން.

.''Press for Progress''. ''PfP'' ''Press for Progress''

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަދިވެސް އެއްފަހަރު ރާއްޖޭގެ އަންހެން ކަނބަލުންނަށް މިއަދުގެ ތަހުނިޔާ އަރިސްކުރަމުން. އަދި ރާއްޖޭގެ އަންހެނުންގެ ހުނަރުވެރިކަމާއި ޤާބިލުކަމުގެ އަގު ފުރިހަމައަށް ވަޒަންކުރައްވައި، ތަރައްޤީގެ ކޮންމެ މަރުޙަލާއެއްގައިވެސް އަންހެން ބޭފުޅުންގެ ބައިވެރިވެވަޑައިގަތުމާއި މަޝްވަރާ ހޯއްދެވުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރަމުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖެއަށް އަދަށްވުރެ ފާގަތި ދުވަސްތަކެއް މާތްﷲ މިންވަރު ކުރެއްވުން. ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ރާއްޖޭގެ އަންހެން ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގައި އެކަލާނގެ ކާމިޔާބީ މިންވަރު ކުރެއްވުން. ރާއްޖެއަށް އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން އެކަލާނގެ މިންވަރު ކުރެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.