ރާއްޖޭގައި ފުރަތަމަފަހަރަށް މިއަދު ފާހަގަކުރަމުންދާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ. ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫޢު އިފްތިތާޙުކުރި ދުވަހާ ގުޅިގެން، ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައެވެ.

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، ޚާއްޞަކޮށް މިއަދުގެ ޒުވާނުންނާއި ކިޔަވާކުދިންގެ ހިތްތަކުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެކެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައިވެސް ކޮންމެހެން އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ކަމެއްވެސްމެއެވެ. ހަމައެއާއެކު، ޤައުމުގެ މުސްތަޤްބަލް އޮތީ ޤައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށްވާތީ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ޤައުމިއްޔަތެއްގެ ވެރި އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާޢުކުރާނެ ބައެއް ކަމަށް ހަދަންޖެހެއެވެ. އޭގެ ސަބަބުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރަށް އާލާވެ، އަދި ޤައުމަށް ޚިދުމަތް ކުރާނެ، ޤައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެއެވެ.

އެހެންކަމުން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ޚާއްޞަ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވުމަށާއި، ދަރިވަރުންނަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަޤްޞަދުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް އަޅުގަނޑު ގޮވާލަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުމެވެ. އަޅުގަނޑުމެންނަކީ ޤައުމިއްޔަތުގެ ބަހާތައް ދިރުވައި، އެ ބަހާތަކަށް އިޙުތިރާމު ކުރާ ބައެއް ކަމުގައި ލެއްވުމެވެ. ރާއްޖެއަށް ޞުލްޙަމަސަލަސްކަމާއި އަމާންކަން ދެއްވުމެވެ.